ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ސަޕޯޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ފުލުހުންނާއި އެމްއެންޑީއެފްއިން އަމަލު ކުރި ގޮތާއި އެ ހާލަތް މެދުވެރިވި ގޮތް ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީގެ މިއަދު ޖަލްސާ ފައްޓަވަމުން މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ކަންކަމަކީ ޑިފެންސް ފޯސްއިން ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ.

"ގާނޫނޫގައި ބަޔާންކޮށްފައިވޭ ރައީސްއަށް ދަތުރުފަތުރުކުރުމާއި ހިމާޔަތުގެ އެންމެހާ ކަންކަން ހަމަޖައްސަން ޖެހޭނީ ޑިފެންސް ފޯސް އިން ކަން. މޮޓޯކޭޑް ހުއްޓުވާފައިވާ ފަރާތްތައް އަމަލުކޮށްފައިވާ ގޮތާއިމެދު ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކުން ތަހުގީގު ކުރަމުންދާ ގޮތް ކޮމިޓީގެ ފަރާތުން ބަލަމުން ގެންދިއުން. އަދި ސެކިއުރިޓީ ބްރީޗްވެފައިވޭތޯ ބަލައި އެކަމަށް އެޅެން ހުރި ފިޔަވަޅުތައް ބަލައި މުވައްސަސާތަކަށް ހުށަހެޅުމަކީ މުހިންމުކަމެއް ކަމުގައު ދެކެން." އަސްލަމް ވިދާޅުވި އެވެ.

މައްސަލައާއި މެދު ގޮތެއް ނިންމުމަށާއި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ކޮމިޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލެއްވެވި އެވެ.

އެ ފުރުސަތުގައި ހަނިމާދޫ ދާއިރާ ގެ މެމްބަރު އަބްދުލްގަފޫރް މޫސާ ވިދާޅުވީ މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ދެ މައްސަލައެއް އުޅާ ކަމަށެވެ.

އެއް ކަމަކީ މޮޑަކޭޓުން ދަތުރުކުރި މަގު ރައްކާތެރިތޯ ޗެކް ކުރިތޯ ބެލުން ކަމަށާއި އަނެއް ކަމަކީ ގަސްތުގައި ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީތޯ ބެލުން ކަމަށެވެ. ގަފޫރު ވަނީ މި ދެ މައްސަލަ ބެލުމަށް ހުށަހަޅަޅާފައެވެ.

"ރައީސް ދަތުރުކޮށްފައި ދަނިކޮށް ކުރިމަށްޗައް އަރައި މޮޓޯކޭޑް ނުހުއްޓުވޭނެ. މަގު ފުރެންދެން މީހުން އޮތިއްޔާ އެއީ އެހެން ސިނާރިއޯއެއް. ގަސްތުގައި ރައީސްގެ މޮޓޯކެޓް ހުއްޓުވާފައިވާނަމަ އެބައެއްގެ މައްސަލަ ވެސް ބަލަން ޖެހޭނެ އަދި އެމްއެންޑީއެފްއިން ކީއްވެތޯ އެ ސަރަހައްދަށް އައިސްފައި ވަނީ. މި ދެ މައްސަލަ ކޮމިޓީއިން ބަލަން ހުށަހަޅަން." ގަފޫރު ވިދާޅުވި އެވެ.

ރައީސްގެ ސެކިޔުރިޓީ ފެއިލް ވުމަށް އެމްއެންޑީއެފްގެ ފިނި ޖަވާބެއް

ގަފޫރުގެ މި ހުށަހެޅުއްވުމަށް ތާއީދުކޮށް ހިސާން ހުސެއިން ވިދާޅުވީ އޭނާ ގަބޫލްކުރާ ގޮތުގައި އެއްކަމަކަށް ސެކިއުރިޓީއާއި ހަވާލުވެ ތިއްބެވި މުވައްސަސާތަކުން އަމަލުކުރެއްވި ގޮތް ވެސް މި މައްސަލައިގައި ބަލަންޖެހޭނެ ކަމަށެވެ.

އަދި އެއާއެއްކޮށް އެއްވެސް ބަޔަކަށް ރައީސްގެ މޮޑޯކޭޓަށް ނުވަތަ އިސްވެރިއެއްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށާއި އެހެންކަމުން އެ ފުރުސަތު ފަހިވި ގޮތް އަދި އެކަން ހިނގާ ދިޔަގޮތް ކޮމިޓިއިން ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި މުވައްސަސާތަކުން އަމަލު ކުރި ގޮތާއި އެ ހާލަތް މެދުވެރިވި ގޮތް ބެލުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ. އަދި މި މައްސަލައިގައި މުވައްސަސާތަކުން ކުރަމުންދާ ތަހުގީގުގެ ރިޕޯޓް ހިއްސާ ކުރުމަށް ސިޓީ ފޮނުވުމަށް ވެސް ނިންމާފައި ވެއެވެ.