ލޯފަން މީހުންނަށް އެހީތެރިޔަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މިއީ އިންތިހާބުތަކުގައި ވޯޓު ލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށް ޖީހާން ވިދާޅުވެފައި ވެއެވެ.

ޖީހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ލޯފަން މީހުން މީހުން އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭނަމަ ވޯޓު ކަރުދާސް ޓެމްޕްލޭޓެއް ބޭނުންކޮށްގެން ފާހަގަ ޖެހިދާނެ އެވެ.

ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސް އެކެވެ. އެ ޓެމްޕްލޭޓް އޮންނަން ވާނީ ވޯޓު ކަރުދާހާ އެއްވަރަށް އަދި އެ ޓެމްޕްލޭޓްގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން އެ ނުގުޑާނެ ފަދައަކުން ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަން ޖެހޭ ގޮޅިއާއި ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށް ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ބިލުގައި ބުނީ ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން ވޯޓުލާން ހާޒިރުވި މީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަން ދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ލޯފަން މީހާގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު