ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތުގެ %64 މިހާރު ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، ބޭރު ތޮށި ލުމުގެ މަސައްކަތުގެ %54 ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

1980 ވަނަ އަހަރުގައި އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެ ކުންފުނިން މިހާތަނަށް ވަނީ ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ގިނަ މަސައްކަތްތަކެއް ކޮށް ނިންމައިފައެވެ.