ކޮންސްޓްރަކްޝަނާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު ކުރައްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާ އިތުރު ސުވާލު ކުރުމުގެ ފުރުސަތުގެ ތެރެއިން ގިނަ މެމްބަރުން ވަނީ އެ ބޭފުޅުންގެ ދާއިރާގެ ސްކޫލުތަކުގައި ހިންގާ އުމްރާނީ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

އެފަދަ ސުވާލުތައް ތަކުރާރުވަމުން ދާތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ޑރ. އައިޝަތު އަލީ އަކީ އެޑިއުކޭޝަން މިނިސްޓަރު ކަމަށާއި އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ނޫން ކަމަށެވެ.

އެހެން ކަމުން މެމްބަރުން ސުވާލު ކުރައްވަން ޖެހޭނީ އެކަމާ ގުޅޭ މިނިސްޓަރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވެލައްވާ ހަމައެކަނި ކަމަކީ ރަށްރަށުގައި ކިހާ މިންވަރަކަށްތޯ ކޮންކްރީޓް އަޅަމުންދާނީ، ބެއްލެވުން ކަމުގައި ވަނީ ނަމަ، މިއަދު ތިޔަބޭފުޅުން ސުވާލުކުރައްވަން ގެންނަވާފައި ތި އިންނެވީ އެކަމާއި ގުޅޭ މިނިސްޓަރެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރަކީ އެއް ލައްކައާ ގާތް ކުރާ އަދަދެއްގެ ދަރިވަރުންގެ ތައުލީމްގެ ކަންކަން ބަލަހައްޓަވާ މިނިސްޓަރެއް ކަމަށާއި އަދި އެޑިއުކޭޝަން މިނިސްޓްރީއަކީ އަހުލާގީ ގޮތުން ރަނގަޅު ޖީލެއް އުފެއްދުމުގައި ހިވާގި މަސައްކަތް ކުރާ މިނިސްޓްރީއެއް ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް މިކަން ފާހަގަކޮށްދިނުމުގެ ބޭނުން އޮތް ކަމަށް ދެކެން." ނަޝީދު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަނާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ނުކުރައްވަން ނަޝީދު ވިދާޅުވި ނަމަވެސް މެމްބަރުން އެފަދަ ސުވާލުތައް ކުރެއްވުމުން މިނިސްޓަރު ޖަވާބުވެސް ދެއްވިއެވެ.