މިދިޔަ މަހު މާލޭގައި 245 ކައިވެނި ކުރިއިރު ހަމަ އެ މަހު 115 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާޗް މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 127 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުރީމަހުގެ ބާކީހުރި ބައިތަކާއެކު އެ މަހު ނިންމި ވަރީގެ މައްސަލަތައް 149 އަށް އަރައެވެ.

އަދި ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު ތިން މައްސަލައެއް ހުށަހެޅުނުއިރު، ތިން މައްސަލައެއް ނިންމާފައި ވެއެވެ. ވަރިއާމެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ ނުނިމި އެބަ އޮތެވެ.

އޭގެ އިތުރުން، މާޗް މަހު ވަރި ސާބިތުކުރުމަށް 50 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 53 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 30 މައްސަލައެއް ނުނިމި އެބަ އޮތެެވެ.

މާޗް މަހު އެ ކޯޓަށް ހުށަހެޅި އަދި ނިންމި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަށް ބަލާއިރު، ދަރިއަކު ބަލައި ބޮޑުކުރަން އެހެން މީހަކާ ހަވާލު ކުރި އެއް މައްސަލައެއް ހުށަހަޅާފައި ވެއެވެ. މިދިޔަ މަހު އެބާވަތުގެ އެއްވެސް މައްސަލައެއް ނިންމާފައެއް ނުވެ އެވެ.

އަދި ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ އެއް މައްސަލައެއް މިދިޔަ މަހު ނިންމިއިރު، އެ މަހު ހުށަހެޅުނު ތިން މައްސަލައާއެކު ޖުމްލަ 12 މައްސަލައެއް ނުނިމެއެވެ.

އަދި ހަޟާނާތުގެ އެއް މައްސަލައެއް މިދިޔަ މަހު ހުށަހެޅުނުއިރު، ކުރީގެ މަހުގެ މައްސަލަތަކާއެކު ދެ މައްސަލައެއް ނިންމާފައި ވެއެވެ. އަދި 14 މައްސަލައެއް ކޯޓުގައި ހިންގަމުން ދެއެވެ.

އޭގެ އިތުރުން ދަރިން ނުދައްކައިގެން ކޯޓަށް ހުށަހެޅި ހަތް މައްސަލައެއް އަދިވެސް ނިމިފައެއް ނުވެއެވެ. އަދި ނަސަބު ސާބިތު ކުރުމުގެ ދެ މައްސަލައެއް ވެސް ނުނިމި އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވަރި މަދުވާނީ ރާއްޖޭން ބޭރުގަ ފުރަތަމަ އަނބިމީހާއަށް ސިއްރުން ކުރާ ކައިވެނިތައް މަދުކުރެވޭނެ ހަރުދަނާ ޤަވައިދެއް ހެދުމާއި އެކު ދެމަފިރިން ދޭތެރެއަށް ވަންނަ އަންހެނަކަސް ފިރިހެނެއް ނަމަވެސް އެކަށީގެންވާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތެއް ހެދުމުން ކަން ޔަޤީން. މިގޮތުން ވަރިވާ ގިނަ މީހުންނަކީ އެވަރީ ގެ ސަބަބުން އެތަކެއް މައުސޫމް ކުޑަ ކުދިންތަކެއް އެކަަނިވެރި ބައްޕަ އެއްނުވަތަ އެކަނިވެރި މަންމަ އަކާއި މުޅި އުމުރަ އަދަދު މަދު ކުރުމަށް ފެމިލީ ކޯޓުން ވިސްނަން ވެއްޖެ. މަތީގައި