ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަހަށްވާ އިރު، މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

އަދި މިއީ އިރުވައި މޫސުން، ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަން މެޓުން ފާހަގަކުރިއެވެ.

މެޓް އޮފީހުން ވަނީ މިއަދު 11 ޖެހިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް ދީފައެވެ.

ރޯދަމަހު ހަވީރުގަޑިއަށް ރޯދަކުރުކުރުމަށް ގިނަ ބަޔަކު ސައިކަލުބުރު ޖަހަން ނުކުތުމާއެކު މަގުމަތި ހަލަބޮލިވެފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޓް އޮފީހުން ކުރި ޓުވީޓުގައިވާ ގޮތުން ހދ. ހަނިމާދޫ އާއި ލ. ކައްދޫގެ ފިނިހޫނު މިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ. ސ. ގަމުގެ ފިނިހޫނު މިން ހުރީ 31.8 ޑިގްރީ ސެލްސިއަސްގައެވެ. ހުޅުލެ އާއި ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 31.6 ޑިގްރީ ސެލްސިއަސްގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި "ފީލްސް ލައިކް ޓެމްޕެރޭޗާ" ނުވަތަ އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިނުގެ ތަފްސީލްތައް ވެސް މެޓް އޮފީހުން ވަނީ ދީފައެވެ.

އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނި ހޫނުމިން

- ހދ. ހަނިމާދޫ: 40.4 ޑިގްރީ ސެލްސިއަސް
- ހުޅުލެ: 39.3 ޑިގްރީ ސެލްސިއަސް
- ލ. ކައްދޫ: 40.4 ޑިގްރީ ސެލްސިއަސް
- ގދ. ކާޑެއްދޫ: 39.6 ޑިގްރީ ސެލްސިއަސް
- ސ. ގަން: 39.8 ޑިގްރީ ސެލްސިއަސް

މި ފަސް ސްޓޭޝަނުން ރިކޯޑު ކުރެވޭ ފިނިހޫނުމިން މެޓް އޮފީހުގެ ވައިބާ ގްރޫޕުގައި ކޮންމެ ދުވަހަކު ހެނދުނު އެގާރަ ޖަހާއިރާއި ދޭއް ޖަހާއިރު އަދި ހަވީރު ފަހެއް ޖަހާއިރު ހިއްސާ ކުރާނެއެވެ. ކޮންމެ ދުވަހަކުވެސް އެންމެ ހޫނު ގަދަވާ ކަމަށް ފާހަގަކުރެވެނީ މެންދުރުފަހު ދޭއް ޖަހާއިރު ކަމަށް މެޓުން ބުންޏެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.

ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:

- ވަރުދެރަވުން
- އަކުނިވަޔަށްދެމުން
- ބޮލުގައި ރިއްސާ ބޯ އެނބުރުން
- ހަށިގަނޑުން ފެން މަދުވުމުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން
- ލޮލަށް ލިބޭ ގެއްލުން
- ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

ވަރުދެރަވުން، ބޮލުގައި ރިއްސަ ބޯއެންބުރުން ނުވަތަ އަކުނިވަޔަށް ދެމުންފަދަ އަލާމާތްތައް ފެންނަނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަން މެޓް އޮފީހުން އިރުޝާދުދެއެވެ.

ރަށެއްގައި މީހަކު ކުނި ކަހަނީ.

 

މީގެއިތުރުން ކުޑަކުދިން ހޫނު ގަޑިތަކުގައި ބޭރަށް ނުގެންދިއުމާއި ގާތުން ކިރު ދިނުން ނުވަތަ ހަ މަސް ފުރިފައިވާ ކުދިންނަށް ދިޔާތަކެތި/ ފެން ދިނުމާއި ހޫނުގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ގެންދަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވެއެވެ.

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

- ކުޑަ ބޭނުން ކުރުން
- ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުން ލުން
- ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން
- ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން
- ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
- ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން
- އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން

ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެންމެ ބޮޑަށް ހޫނުގަދަވަނީ އޭޕްރިލް އަދި މެއި މަހުއެވެ. މިދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން ވަނީ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިންބެރެޑް

    ކަރަންޓްބިލް ބޮޑުކުރާނެ ރަގަޅު އެޒުރެއްދޯ؟

    36
    3
  2. ޟަނޓޭ

    ލަފަކުރެވޭ ގޮތުން މިމަހުގެ ކަރަންޓް ބިލް ތަކުން ސްޓެލްކޯއާއި ފެނަކައިން ދިވެހިން ނޮޅާ ކައިލާނެ ސޯލިހު ހުންނާނެ ހެވިފަ ރައްޔިތުން ފެލާލެވޭތީ

    50
    2
  3. ސަމްކުޅިބޭ

    ރާއްޖޭގައި އުޅޭ ބޭރު މީހުން ސަމާލުވާނެކަމެއްނެތް. ދިވެހިން ސަމާލުވޭ. މިސޮރުމެން ސުރުޚީޖަހަންވެސް ދެން ހާދަމޮޅޭދޯ؟

    28
    1
  4. ރައްޔިތު މީހާ

    ކޮތަޅަކުން 2 ރުފިޔާ ނެގޭތޯ ބަލާ. 2023 ޔަގީން.

    23
  5. އިބްރާހިމް

    ކޮތަޅަކުން 10ރ ނެންގެވީމާ ތިމާވެށި ހަމަޖެހިދާނެކަމަށް ފެންނަނީ.

    15
  6. ޒީރޯ ޓޮލަރަންސް

    މިކަހަލަ ދުވަސްވަރެއްގަ ކަރަންޓް އަދި ފެން ބިލް ކުޑަކޮށް ދިނުން ކިހިނެއްތޯ؟ އެންމެ ފަހަރަކުވެސް މިވާހަކަ ދައްކަލަ ބަލަ. ރޯދަ އިނާޔަތެއްގެ ގޮތުން ﷲ އަށްޓަކައި ރައްޔިތުންނަށް ކަރަންޓް އަދި ފެން ބިލް ކުޑަކޮށްލަދޭން ނޭގުނު. ބޮޑުންގެ ޖީބަށް ވަންނަފައިސާ ގިނަކަމުން އެމީހުނަށް ނިކަމެތިން އުޅޭހާލެއްނޭގެ. ލޯބިވާ ރައްޔިތުންނޭ ކިޔާ މޫސުން މިއޮތީ މިހާރު އައިސްފަޖެހިފަ. މިމޫސުން ދިގުދެމިގެން ދާނެ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގެ ވޯޓުލާ ދުވަހާއި ހަމައަށް.

  7. ސޮފްވާން

    އަސްލު އެހެން އަހަރުތަކަށް ވުރެ މިއަހަރު ހޫނު ގަދައެއް ނޫން، މީ އަނެއްކާ ކޮތަޅު ގޮތަށް ރައްޔިތުން އަތުން އޮޅުވާލައިގެން ކަރަންޓް ބިލު ބޮޑުކުރަން ޖަހާ މަޅިއެއް ނޫންތޯ؟ ކެމްޕޭނަށް ލާރިހޯދަން ޖަހާ މަޅިއެއްމީ، އާދައިގެ ދިވެއްސަކަށް މިކަހަލަ އެއްޗެހި ނޭނގޭނެ، ދިވެހިން ގުނބޯ ހެއްދިޔަސް ތީ ބޮޑުވަރު، މީ ތެދެއްކަން އެނގޭނެ، ތާމޯމީޓަރ ގަނެފަ ޓެމްޕަރޭޗަރ ބަލާލަ ޢައމުކޮށް އުޅެނީ 28، އިން 29 އަށް،

    10
    1
  8. ފަހީމް

    ރައްޔިތުން ސަމާލުވޭ، އޮޅުވާލައިގެން ރައްޔިތުން ކަރަންޓް ބިލު ބޮޑުކުރަން ޖަހާ މަޅިއެއްމީ، މި ލާރި ދާނީ ކެމްޕޭނަށް ސްޓެލްކޯ ޝަރީފް ޔާމީނު ކައިރިން ރައްޔިތުން ފެލަން ދސްކުރި ގޮތެއްމީ، ދެން ދިވެހިން ތިބޭ ހެވިފަ.

    9
    1
  9. ދުނިޔެ

    ބަލަގަ ތި ޔަ ހަދަންއުޅޭ އެއްޗެއް މިހާރު ވަރަށްސާފޭ، ރިޔާސީ އިންތިހާބް ބޯމަތިވާތީ މި އިން ދުވަސްކޮޅު ރުފިޔާކޮޅެއް ހޯދާނެ މަގެއްކޮށަނީކަން ނޭނގޭ އެއްވެސްރައްޔިތަކު މި ޤައުމަކުނެތޭ އިނގޭތޯ!!!!!!މަކަރާހީލަތުން މި ދުނިޔޭގައި ތިބާ ކުރާ އަމަލެއްގެ ސަބަބުން ތިބާގެ ނަފްސް ހަލާކުގެ ތެރެއަށް ވައްޓާނުލާ އިހްލާސްތެރިވުމަށް ނަސޭހަތްތެރިވަން!!!