ގައުމީ ދާރުލްއާސާރު ތަރައްޤީ ކުރުމުގެ ގޮތުން ކުރަންހުރި އަމަލީ މަސައްކަތްތައް ކުރުމަށް ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފިއެވެ.

ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ސޮއިކުރައްވާފައިވަނީ ޑެޕިޔުޓީ މިނިސްޓަރ އަހްމަދުﷲ ޖަމީލެވެ. އަދި ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަލީއެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއެސްއާރްގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ދެއްވާ 2 މިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހޭދަވަނީ 2.1 މިލިއަން ރުފިޔާއެވެ. ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ދެއްވާ 2 މިލިއަން ރުފިޔާގެ އިތުރުން ހޭދަވާ ރަރަދު ކުރަން ހަމަޖެހިފައިވަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދާރުލްއާސާރުގެ ޝޯކޭސްތައް ތައްޔާރުކުރުމާއި މަލްޓިމީޑިއާ ރޫމް ސެޓްއަޕް ކުރުމާއި މިއުޒިއަމް ޑިސްޕްލޭ އޭރިއާ ތަކުގައި ފްލޯ ރަނަރ އެޅުމާއި ފާރުގައި ކުލަލުން ހިމެނެއެވެ. މި މަޝްރޫއުގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ 19 ޝޯކޭސްއަކީ ޒަމާނީ ފެންވަރުގެ، ބައިނަލްއަގުވާމީ އެކިއެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތަކެކެވެ. މި މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް ގާއިމްކުރާ މަލްޓިމީޑިއާ ރޫމްއަކީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މަޢުލޫމާތު ސެޝަންތައް ހިންގުމަށް ޤާއިމްކުރާ މަލްޓިމީޑިއާ ރޫމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    އަނެއްކާ އަނެއް ލާރިގަނޑު ފަރިއްކުޅުއްވާލަން ތައްޔާރުވަނީ...

  2. ބިންގޯ

    ބަލަ އެތަން ހަދާ ފަ ހުރީ ޒަމާނީ ފެންވަރަކަށް ނޫންތަ.