އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކޮޗިންގައި ފެންބޮޑުވެ އާންމު ހާލަތަށް ދަތިވެފައިވާ 219 ދިވެއްސަކު ޓްރިވެންޑަރަމަށް ބަދަލުކޮށްފި ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނެފިއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުﷲ ހުސައިން ތައުފީގު "ވަގުތު" އަށް ވިދާޅުވީ، މިހާރު އިންޑިއާއަށް ކުރަމުންދާ ވިއްސާރާގައި ކޮޗިންގައި އުޅެމުންދިޔަ ދިވެހިންގެ ތެރޭގައި އާއްމު ހާލަތަށް ބުރޫއެރި ދިވެހިންތައް ޓްރްވިންޑްރަމްއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެކަމަށް ހަތް ބަސް ބޭނުން ކުރާނެ ކަމަށެވެ. އޭގެ ތެރެއިން ހަ ބަހުގައި މީހުންތައް މިހާރު ޓްރިވިންޑްރަމްއަށް ގެނެސްފައިވާއިރު، ހަތް ވަނަ ބަސް ޓްރިވިންޑްރަމްއަށް ދާނީ މިރޭ މެންދަމުގެ ވަގުތެއްގައިކަމަށް ޖާދުﷲ ވިދާޅުވިއެވެ.

ޖާދުﷲ ވިދާޅުވިގޮތުގައި، ޓްރިވެންޑްރަމްއަށް ދާން ބޭނުންވާ ދިވެހިންނަށް ހަމައެކަނި އެމްބަސީގެ ފަރާތުން ހަމަޖައްސައިދެނީ ބަހުގެ ހިދުމަތް އެކަންޏެވެ. އަދި އެމްބަސީގެ ފަރާތުން އެ ދިވެހިން އެނބުރި ކޮޗިންއަށް ގެންދާނަންތޯ ކުރި ސުވާލަށް ޖަވާބުގައި ޖާދުﷲ ވިދާޅުވީ، ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

ޖާދުﷲ އިތުަރަށް ވިދާޅުވިގޮތުގައި، މިހާރުވެސް ވަރަށް ގިނަ ދިވެހިން ކޮޗިންގައި އެބަތިއްބެވެ. އޭގެ ތެރެއިން ބަދަލުކޮށްފައި ވަނީ މިހާތަނަށް އެދުނު މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި ދިމާވި އެކި ހާދިސާތަކުގައި 357 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ކޮޗިން އަށް މޫސުން ގޯސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު