ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް އެ ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފާސްކުރި ކަމަށެވެ.

އެ ޕްރޮޖެކްޓުގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުން ކަމަށް ބޭންކުން ބުނެއެވެ.

އެ މަޝްރޫއުގެ ޒަރީއްޔާ އިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ ގާބިލު ކުދި، މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ، މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ބުނީ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 މިލިއަން ޑޮލަރެވެ.

އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    އެމީހުން ބުނާ ގޮތައް ޖީއެސްޓީ ބޮޑު ކުރީމަ ސަރުކާރުވެސް ރަނގަޅު ވީ އެވެ. ލޯން ވެސް ލިބެނީ އެވެ. އިގްތިސާދުވެސް ރަނގަޅު ވާހަކަ ބުނަނީ އެވެ. ދަރަނީގެ ވާހަކަ އެއް ނުދައްކަ އެވެ.

    • The

      ތީތި ބޮޑުން ކާލާނީ. ތިބެނީ އެއްޗެއް ނުަފެނިފަ

  2. ގަސިމ

    ތިޔަ ވޤނީ ގާސިމްބެގެ އެއްޗަކައް.

  3. ސޮބާޙު

    ވޯލްޑު ބޭންކުން އަމިއްލަ ވިޔަފާރި ތަކަށް ޕޭޕާލް ބޭނުންކޮށްގެން ފައިސާ މިތަނަށް އެތެރެ ކުރެވޭގޮތް ހަދާބަލަ . ފިއްތާފަ މަނީ ލޯންޑްރިންގް ގެ މުޢާޙަދާ ތަކުގަ ސޮއެކުރުވާފަ ބޭރުގެ އިންވެސްޓަރަކަު ރާއްޖެއަށް ފައިސާއެއް ފޮނުވަން އުޅުނަސް ބޭންކުތަކުން އެތެރެ ނުކުރެވޭ ގޮތް ހަދާފަ ތިބެގެން މިކިޔަނީ އަމިއްލަ ވިޔަފާރިތަކަށް އެހީވަނީޔޯ . އެއީ 5 ރުފިޔާ ދީފަ 50 ދަމައިގަންނަ ގޮތަށް ދޯ . މި މަޅީގަ ނުޖެހޭތި

  4. ޝަފީގު

    ސަރުކާރުގެ ކުންފުނިތަކުގައި އަމިއްލަ ފަރާތްތަކަށް ބައވެރިވެވޭނީ ހިއްސާވިއްކައިގެން ނޫންތޯ.؟ ދެން މިޔަނީ ކީކޭބާ.؟ ތި 15 މިލިޔަންޑޮލަރު އެއީ ކިހިނެތް ޚަރަދުކުރާނެ އެއްޗެއްބާ.؟ އެއިން ލޯލާރިއެއްވެސް އަމިއްލަ ކުދި ވިޔަފާރިތަކަށް ލިބޭނެބާ.ފެނަކައިގެ ދަރަނީ އަދާކުރެވޭނެބާ.؟ ތިއީ ހަމަ ގޭސްގަނޑެއް ކަމަށް ފެންނަނީ.

  5. Anonymous

    ވޯލްޑް ބޭންކުން ދޭ ރިބާ ލޯނުގައި ހިފާނެ މީހަކު ނުވެގެން އުޅެނީ، ވޯލްޑް ބޭންކަކީ ކުދި ޤައުމުތަކަށް ހުރި ބޮޑު ވަބާއެއް !