ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1ބިލިއަން ރުފިޔާ)ގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަލްފާޟިލް އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުފާރިސް އެޗް ހަދާދު-ޒެރްވޯސްއެވެ.

މި އެއްބަސްވުންތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ދިވެހި ސަރުކާރުން ފުޅާ ދާއިރާގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މި ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށްއިތުރު ފުރުސަތުތައް ތަނަވަސްވެ، އަޅުގަނޑުމެންގެ ކާމިޔާބު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެ މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ."

ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމެވެ.

ޖުމްލަ 15 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތުޕްރޮޖެކްޓް (އެމްސީޖީޕީ)ގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ. މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ސަބަބުން، މިހާރު ހުރި އެހެން ކުދިވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ތަރައްގީކޮށް، އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރަކަށް ވެގެން ދާނެ އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުންހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުންހޯދާފައި،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސްވިދާޅުވި އެވެ. "މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން. މި ޕްރޮޖެކްޓްތަކުގެސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ."

ޓްރާންސްފޯމް މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާއިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. އެމްސީޖީޕީ މަޝްރޫއު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރަފަކައްދަ

    ކަލޯގަޔާ! ޤައުމެއްނެތް. އަންނަން އޮތް ޖީލުތަކުގެވެސް މުސްތަޤުބަލެއްނެތް. ޤައުމު އިނދަޖެހިއްޖެ. ދަރާ ވިކިއްޖެ. ހިތާމަހުރި ކަމެއް.

    11
  2. ދަ ކަމްޕެނީ

    ރާއްޖޭގައި އެންމެ ފަހަތުގައި އޮތް ކުންފުންޏަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް. ދުވަހެއް ދުވަހަކަށް އެ ކުންފުނީގެ ޚިދުމަތްތައް ދަނީ ފަހަތަށް. މުވާސަލާތުގެ ރަން ޒަމާނުގައި ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށް ނުދެވުނީ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން. ޗައިނާގެ އޮންލައިން ފިހާރައަކުން ގަންނަ އެއްޗެއް ރާއްޖެއަށް 10 ވަރަކަށް ދުވަހުން ގިނަ ފަހަރަށް ލިބޭ. އެކަމަކު ރާއްޖޭގެ ޕޯސްޓް އޮފީހުން އެ އެއްޗެއް ލިބެނީ ހަފުތާއެއްގެ ފަހުން. އަދި އެވެސް ސަލާންޖަހައިގެން. މީގެ އިތުރަށް މުޅި ރާއްޖޭގައި ވައިގެ ދަތުފަތުރުގެ ޚިދުމަތާއި ފެރީތަކުން ގުޅާލިޔަސް ޕޯސްޓްގެ ޚިދުމަތް ނުލިބޭ. މީ ރާއްޖޭގައި އޮންލައިން ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ވިޔަފާރީގެ ހުރަސް. ޚާއްޞަކޮށް ރާއްޖޭގެ އޮންލައިން ވިޔަފާރިތައް ކުރިއަރައިގެން ދާނީ ޕޯސްޓް ލިމިޓެޑްގެ ޚިދުމަތްތައް ރަނގަޅުވީ ދުވަހަކުން.