ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި މައުލޫމާތުތައް ދައްކާ ގޮތުން 3.06 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 948 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 230 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 183 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 1.76 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 73.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސަރުކާރުން ވަނީ މި އަހަރު ޑޮމެސްޓިކް ފައިނޭންސިންގެ ގޮތުގައި ޖުމްލަ 3.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުންނާނީ 113 ބިލިއަން ރުފިޔާގަ އެވެ. މީގެތޭގައި ހިމެނޭ ބޭރުގެ ދަރަނީގެ ނިސްބަތަކީ 39.9 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި ހުންނާނީ 61.9 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނޭ ގެރެންޓީ ދީފައިވާ ދަރަނީގެ ނިސްބަތަކީ 11.7 ބިލިއަން ރުފިޔާ އެވެ. މި އަހަރު ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރަން 5.5 ބިލިއަން ހޭދަ ކުރަން ޖެހޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިއްބެ

    ޤަވްމެއް އިޤްތިޞާދީގޮތުން އިނދަޖެހޭނީ ދެން މިހާވަރަށް!

    12
  2. ހުސޭނުބޭ

    ފިނޭންސް މިނިސްޓަރުގެ ސިކުނޑި ރިސްޓްރަކްޗަރކުރަން ޖެހޭ!

    • އަމީރު

      މަ ކީއްކުރާނީ. މަޖެހޭނީ ރައީސް ބުނާގޮތަށް ހަދަން. މަށަށްވެސް އެނގޭ ބަނގުރޫޓު ވަމުންދާކަން. އެކަމަކު މަވެސް ވަޒީރުކަމުގައި ހުންނަން ބޭނުންވޭ.

  3. ސުއްބުނާ

    އަނެއްކާ ރައްޔިތުން ފެލާލާ
    ކިހާ ދެރަކަމެއް
    8% ، 16% އަށް ހަދާލަން ފެނޭ

  4. ދސ

    އަދިވެސް ސިޔާސީ މީހުން ބޮޑެތިމުސާރަ ލާފަ މަސަތްކަތެއްނުކޮށް ގޮނޑި ހޫނުކުރަން ތަންތަނަށް އަޅާފަ ބަހައްޓާ.

  5. ހެހެ

    އަދިވެސް ވޯޓްހޯދަން ގޯތިތައް މުއްސަދިންނަށް ބަހާ