އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރަކަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ހަމަޖައްސައިފިއެވެ.

ޖޭޕީގެ ކައުންސިލް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކެމްޕެއިންގެ އެންމެހާ ކަންކަން ރާއްޖެ ބަޔަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިލްހާމެވެ. އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.

ގާސިމްއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިލްހާމް މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސް ކަން ވެސް ކުރައްވާފައިވާ އިލްހާމް ވަނީ ޑީއާރްޕީގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖޭޕީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމާއި މަޖިލިސްގެ ޖޮއިންޓް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމާއި ގާސިމްގެ އެޑްވައިޒަރު ކަން ވެސް ކުރައްވައިފައެވެ.

އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވާ އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެ ބައިކުޅަ އެއްބައެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ބޭފުޅެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ.

އުތުރު އަދި ދެކުނު ބަހާލައިގެން އިވެންޓުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީ އުތުރު އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރު އިލްހާމް އާއި އަމީން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވީމާ މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރުމަށް އަޅުގަނޑު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުން އެދި ދަންނަވަމެވެ،" ގާސިމްގެ މެސެޖްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަރަފަކައްދަ

    ސޭޓޫ ! މިފަހަރު ތިޖޫރީގެ ފޫ އިންނާނެބާ!

    12
    1
  2. ވާޔާ ރެކިހުތާ

    ގާސިމަށް ލަޑުދޭނީ ތި ދެމީހުން

  3. އާދަނު

    ކަންތަކާ ޖެހުނީ! ކުރިން ވޯޓު ދޭންތިބިމީހުންވެސް ދެން ނުދޭނެ!

  4. Anonymous

    ޤާސިމާގެ ދުވަސް ދަނީ. މި ދެމީހުން ނޭގޭ ދިވެހި ދަރިޔެއް ނުހުނާނެ.

  5. ސެންޗޯ

    އެހެން އެބުނި ސޭޓުވަށާލައި ހުސް ވަގުން އުޅޭތީ ކަމަށް ވެދާނެ

  6. ލަކީ

    ޙެހެ. މިފަހަރު ކެމްޕޭން ނިންމާލާނީ މަލްޓި މިލިޔަނަރުންނަ ވެގެން އެންމެންމިކިޔަނީ ހަމަ ރަންގަޅުވާހަކަ ސީދާ ވަގުން ހަމަ ނަތީޖާ ބަލަންތިބޭތި