މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ އާޒިމް، ރައީސް ސޯލިހްގެ އިތުބާރު ނެތްކަމަށް ވޯޓް ދޭނެ ކަމަށް ވިދާޅުވިއިރު ވަޒީރުންގެ އިތުބާރުނެތް ކަމަށް ސޮއި ކުރާ މެންބަރުން ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން އޮތީ މިދިޔަ ހަފްތާގައި ދީފައެވެ.

އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ އިއްތިހާދުން އެއްކޮށް މަސައްކަތް ކުރަނީ ރާއްޖޭގެ ބިމުން ބައެއް، ކަނޑުން ބައެއް ގެއްލިގެން އުޅޭތީ ކަމަށެވެ. ނުވަތަ ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލައިގެން އުޅޭތީ އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މަދު ބަޔަކު ކޮންމެ ގޮތަކަށް ދެކުނު ގޮތުގައިވީ ނަމަވެސް ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް ހުރިހާ ދިވެހި ރައްޔިތުން ގަބޫލްކުރޭ ރާއްޖެއިން ބައެއް މަދުވެގެން އުޅޭ ކަމަށް. ބައެއް ގެއްލިގެން ނޫޅޭނަމަ. އެއްޗެއް މަދުވެގެން ނޫޅޭނަމަ ދަންވަރު ހުރިހާ ވަޒީރުން ނިއުސް ކޮންފަރެންސްއެއް ނުބާއްވާނެ. އެހެންވީމަ ވަރަށް ސާފުކޮށް އެބަ އެނގޭ އަޅުގަނޑުމެންނަށް މި އުޅެނީ ދެރައެއް ލިބިގެންކަން. އެކަން ފޫބެއްދުމަށް ވަރަށް މަސައްކަތް ކުރައްވާކަން." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގާނޫނު އަސާސީއިން ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑު ކަމެއް ލާޒިމްކޮށްފައި އޮންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިމުގެ ސަރަހައްދާއި މެދު ކަމެއް ކަނޑައެޅުން އޮތީ މަޖިލީހަށް އެކަނި ކަމަށެވެ. އެހެންވީމަ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުން މަޖިލީހުން ކުރަން ޖެހޭ ކަމެއް އެހެން ބަޔަކު ކޮށްގެން އުޅޭއިރުގައި ބަހެއް ނުބުނެ ނުހުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރާއްޖެއިން ބައެއް ގެއްލިއްޖެ، އެބައި ހޯދަން ޖެހޭ. ކުރިން މަހަށް ދިޔަ ފަރާތްތަކަށް އެ ހިސާބަށް މިހާރު މަހަކަށް ނުދެވޭ. އެހެންވީމަ އިނގޭ ގޯހެއްވެގެން އުޅޭކަން. މިކަން ފޮރުވަން އުޅުނަސް ފޮރުވިދާނެ ކަމަށް ގަބޫލެއް ނުކުރަން." އާޒިމް ވިދާޅުވި އެވެ.

އިމުގެ މައްސަލައިގައި ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ މި ގައުމުގެ ސަރަހައްދުން މި އުޅެނީ ބައެއް މަދުވެގެން ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ކުރަންޖެހުނު ކޮންމެ ކަމެއް ފިކުރެއްގެ ދިރުމުން ވެސް އަދި އޭނާ ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އއ

    މާއަވަސް 2030 ރަނގަޅުވާނެ!

    3
    1
  2. އަލީ

    ޕައްލަންބެ އާއި ދެ ކެނައިންނަށް ވާކަމެއްނަމަ މިހާރު ކޮށްފަ އޮންނާނީ

    2
    4
  3. އިއްބެ

    ދިވެހި ރައްޔިތުންނާއި ސިފައިން ބައިވެރިވެގެންވިޔަސް މީނަ ޢަޒުލުކުރުން ދިވެހި އުއްމަތަށް ވާޖިބެވެ. އެހެނީ ތަންދޮރު ނުފިލައިހުރުމުގެ އިތުރުން މީނަ މިޤަވްމަށް ޚިޔާނާތްތެރިވެއްޖެއެވެ. ދިވެހި ރައްޔިތުންނަށް ފާޅުގައި ޙަރާމްކޯރުވެއްޖެއެވެ. މާތްﷲ ގަންދީ ކުރި ހުވަޔާ ޚިލާފްވެއްޖެއެވެ. ޤަވްމުގެ ހަރުމުދާ ވިއްކާ ނީލަންކިޔުމުގެއިތުރުން ގަވްމުގެ މައްޗަށް ބޭރުގެ ބާރަކުން އަތްގަދަކުރުވައިފިއެވެ. ސިއްރު ގޮތްނޭގޭ އެއްބަސްވުންތައްހަދާ ޤަވްމުގެ ތަންތަނާ މުދާ ވިއްކާ ނުތަކާވަރަށް ޤަވްމު ދަރަނިވެރިކޮށް އެ ފައިސާއިން ޖީބު ފުރައިފިއެވެ.

    9
    4