ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލްކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް 18 މޭ ވާ ބުރާސްފަތިި ދުވަހު ފެށޭނެ ކަމަށެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިމިގެން ދިޔައިރުގައި އެންމެ ބޮޑަށް ފެންމަތިވެފައި އޮތް މައްސަލައަކީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އުފެދުނު މައްސަލަތައް ހައްލު ކުރަން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މައްސަލަ އެވެ. މަޖިލިސް ރިސެސްއަށް ދިޔައީ އެ ބިލް ދިރާސާ ކުރުމަށް ކޮމީޓީއަށް ވެސް ނުފޮނުވަ އެވެ.

މީގެކުރިން މަޖިލިސްގެ ދައުރު ދިގު ދަންމާލަމުން އައީ މަޖިލިހުގެ ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ތަޅުމަށް ހުށަހަޅައިގެން މެމްބަރުންގެ މެދުގައި ވޯޓަށް އަހައި ފާސްކޮށްގެންނެވެ. މިހާތަނަށް އައިއިރު، މެމްބަރަކު، ހުށަހަޅުއްވައިގެން މަޖިލިސް ދައުރު ދަންމާލި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް، މަޖިލީހުގެ ދައުރު ދިގު ދަންމާލުމަށް މެންބަރުންނަށް ހުށަހެޅޭނެ ވާހަކައެއް މަޖިލީހުގެ ގަވައިދަކު ސީދާ ލިޔެފައި ނެތެވެ. ސަރުކާރަށް ތާއިދުކުރާ ބައެއް މެންބަރުން ދައުރު ދިގު ދަންމާލައިގެން ކޮތަޅުގެ މައްސަލަ ހައްލު ކުރަން ވާހަކަދެއްކެވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުންނަށް ދައުރު ދިގު ދައްމާލަން ހުށަނޭޅޭނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލިހުގެ ދައުރުތައް ބެހިފައި އޮންނަ ގޮތުން ނަމަ، ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު އޮންނާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލިސް ގަވައިދުގައިވާ ގޮތުން، މަޖިލިހުގެ ތަޅުމުގައި ބިލަށް ބަހުސްކޮށް ނިމުމުން، ފޮނުވާނީ ކަމާ ގުޅޭ ކޮމިޓީއަށެވެ. ކޮމިޓީން ބިލް ދިރާސާ ކުރުމަށް ފަހު އަނެއްކާ ވެސް އަނބުރާ ފޮނުވާލާނީ މަޖިލިހުގެ ތަޅުމަށެވެ. މަޖިލިހުގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު، މެމްބަރުން އެ ބިލާ މެދުގައި ގޮތެއް ނިންމަން ގަވައިދުގައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު