ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ސިޓީއާއެކު، ސަރުކާރަށް ގެއްލިގެން ދިޔައީ ވަރަށް މަސައްކަތްތެރި ހީވާގި އަދި ގާބިލް އެއް ބޭފުޅާ ކަމަށް، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަފްޝަން ވަނީ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ވަޒީފާ އަށް ނިކުންނަވާނެ ކަމަށް ވިދާޅުވިއެވެ. އަފްޝަން ވިދާޅުވީ އިސްތިއުފާ ދިނީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ.

އަފްޝަންގެ އިސްތިއުފާއާ ގުޅިގެން ނަޝީދު ވަނީ ގޮންޖެހުން ތަކާއި، ފިއްތުންތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމް ކާމިޔާބު ކުރުމަށް ކުރެއްވި މަސައްކަތަށް ވަަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ކާމިޔާބު މުސްތަގުބަލަކަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އެލްޖީއޭ އަކީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނުނުއަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުމާއި ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމުގެ ޒިންމާ އޮންނަ އިދާރާއެވެ. ސީއީއޯ އަކީ އެއިދާރާގެ އިދާރީ ހިންގުމުގެ އިސްވެރިޔާ އެވެ. ނަމަވެސް އެލްޖީއޭގެ ކަންކަން ނިންމަނީ އެލްޖީއޭގެ ބޯޑުންނެވެ. ބޯޑުގެ ރައީސް އަކީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ފަހުން ނަން އަނބުރާ ގެންދެވީ އާއިލީ ސަބަބުތަކެއް ކަމަށް ވިދާޅުވެފައެވެ.

އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ގުޅުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސެއިން އަމުރުގެ އަނބިކަނބަލުންނެވެ.

އަފްޝަން އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަމީހާ

    އެކަކު ދިޔާމަ އަނެކަކު އަންނާނެ ވަޒީފާ ނެތްމީހުން ގިނައީ

    10
  2. އަބްދޫ

    ސާލިހްއަށް ދަންނަވަން . ކްރިމިނަލް ކޯޓުން ކޮށްފައިވާ ވައްކަމުގެ ހުކުމް މެދުވެރިކޮށް ނަސީދު ޒީރޯ ކޮށްލުމުގެ ބާރު މިހާރު ސާލިހްއަށް އެބައޮތް . ރައީސްކަމަށް އައުމަށް ފުރުސަތު ނަގާލުމާއި މަޖިލީހުގެ މެމްބަރުކަންގެއްލުވާލުމާއި ޕާޓީގެ މަގާމް ގެއްލުވާލުމުގެ ބާރު ވެސް މިހާރު ސާލިހްއަތުގަ އެބައޮތް ގާނޫނަކަށައި ގާނޫނުއަސަސީއަށް ގެނެވޭ ކުޑަ އިސްލާހަކާއެކު ސްޕްރީމްކޯޓް މެދުވެރިކޮށް ނަސީދު ޒީރޯ ކޮށްލެވިދާނެ. ވަގުތު ނަގާނުލައްވާ.

  3. ކައިދާ

    ނަޝީދު ފަހަތުން ދުވާ ކޮންމެ މީހަކީ ޚިދުމަތްތެރި މަސައްކަތް ތެތިއެއްކަމަށް އެކަލޭގެ ބުނާނެ އެމީހަކީ ހިނދުކޮޅު އައިސް 12ގަޑިއިރު ހޭބުއްދި ފިލާފަ ހުންނަ މީހަކަށްވިޔަސް