ފޭސްބުކް، ޓުވިޓާ، އިންސްޓަގްރަމް ފަދަ މީސް މީޑިއާގެ އެކިއެކި ތަންތަނުގައި "ފުރަވީރުން" މި ނަމުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ. މިއީ ކޮން ބައެއް، ނޫނީ ކޮން ކަމެއް ކަން ޔަގީންކަމާއެކު ބުނެދޭން އެއްވެސް މީހަކަށް ނޭނގެއެވެ. ކޮން ބަޔަކު ބާއްވާ ހަރަކާތެއް ކަން ވެސް އެނގެން އޮތީކީ ނޫނެވެ.

އެކަމަކު، އެނގޭ އެންމެ ބޮޑު ހަގީގަތަކީ މިއީ ޒުވާނުންތަކެއް، ނޫކަށި ފުރައިގެ ޒުވާނުންނަށްޓަކައި ހިންގާ ހާއްސަ ހަރަކާތެއް ކަމެވެ. "ފުރަވީރުން" ނަމަކަށް ކިޔާ ޓުވިޓާއާއި އިންސްޓަގްރާމް އެކައުންޓަކާއި، ފޭސްބުކް ޕޭޖުން ކޮންމެވެސް މިންވަރަކަށް މިކަމުގެ މައުލޫމާތު އަންނަނީ ފޯރުކޮށްދެމުންނެވެ.

ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާއިރު، ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. އޭގެ ކުރިން، މިރޭ އަށެއް ޖަހާއިރު، މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޒުވާނުންގެ ހާއްސަ ސައިކަލް ބުރެއް އޮންނާނެއެވެ. މި ސައިކަލް ބުރު ނިންމާލާނީ ހުޅުމާލެ ސެންޓްރަލް ޕާކަށެވެ. މި ހަރަކާތާ ގުޅިގެން "މަވެސް ދާނަން" މި ހޭޝްޓެގް ވެސް މީސް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެވެ.

ފުރަވީރުންގެ ފޭސްބުކް ޕޭޖްގައި ވަނީ 5،000ރ. ގެ ފައިސާގެ އިނާމަކާ އެކު ހާއްސަ ޗެލެންޖެއް ދޫކޮށްލައިފައެވެ. އެ ޗެލެންޖަކީ "ފުރަވީރުން" ގެ ލޯގޯގައި ފެންނަ އަތަކީ ކާކުގެ އަތެއްކަން ދިމާކުރުމެވެ.ރަތް ކުލައިގެ ދިދައެއް ހިފަހައްޓައިގެން ހުރި އަތެއް ރަމްޒުކޮށްދޭ މި ފޮޓޯއަކީ މި ހަރަކާތުގެ ރަސްމީ ލޯގޯކަމަށް ބެލެވެއެވެ.

މި ޕޯސްޓަށް ކޮމެންޓުކޮށްފައިވާ ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ އެއީ، ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރު، އައިޝަތު ނަހުލާގެ އަތް ކަމަށެވެ. ޖަވާބު ދިމާކޮށްގެން އިނާމު ލިބޭ ނަސީބުވެރިޔާ އިއުލާންކުރާނީ މިރޭއެވެ.

މި ހަރަކާތުގައި، ޒުވާނުންނާ ގުޅޭ، މުނިފޫހިފިލުވަނިވި ހަރަކާތްތަކެއް މި އިވެންޓުގެ ތެރެއިން ފެންނާނެއެވެ. އެގޮތުން ހަވާ އެރުވުމުގެ ހަރަކާތަކާއި، ރާއްޖޭގެ ފުޓުބޯޅަ ފްރީސްޓައިލް ކިންގް، ސައިފް ޒާހިރު (ސުޕަމޭން) ގެ ފުޓުބޯޅައިގެ ޗަރުކޭސް ފެނިގެންދާނެކަން ފުރަވީރުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ބޮޑުބެރާއި، ލައިވް މިއުޒިކާއި، އަލިފާނުގެ ހުނަރު ދައްކާލަދޭ "ފަޔަރ ޑާންސް" ހިމެނޭހެން ސްޓޭޖް ޝޯއެއް ފަދަ ހަރަކާތެއް އޮންނާނެކަން ހާމަކޮށްފައިވެއެވެ. މިއީ މާލެ ސަރަހައްދުގައި އަލިފާނުގެ ހުނަރުތަކެއް ދައްކާލުމަށް ހަމަޖެހިފައިވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނޫނަސް، ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް މި އިވެންޓުގެ ތެރޭގައި އޮންނާނެކަމަށް ބެލެވޭއިރު، "ސަޕްރައިޒް" ތަކެއް ވެސް ފެނުން ވަރަށް ގާތެވެ.

މިއީ ކާކު، ކީއްކުރަން ބާއްވާ ހަރަކާތެއްކަން އަދި ނޭނގުނު ނަމަވެސް، އިވެންޓުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ކޮންމެވެސް މިންވަރެއް އެނގުމުން، މި އިވެންޓުގައި ބައިވެރިވާން ބޭނުންވާނެ، އިވެންޓަށް ދާން ކެތްމަދުވެފައި ވާނެ އެތައް ޒުވާނުންނެއް ތިބޭނެކަން ގައިމެވެ.

އެހެންކަމުން މި ހަރަކާތުގެ ކޮންމެވެސް ހިސާބަކުން މިއީ ކޮން ބައެއްގެ ހަރަކާތެއް ކަން ސާފުވާނެއެވެ. މި ހަރަކާތްތައް ދެކިލަން ބޭނުން ނަމަ، އެންމެންވީ މިރޭ ސެންޓްރަލް ޕާކަށް ޖަމާވާށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނައިބްތުއްތު

    މަށަށް އިނގޭ ތީ އިންތިޙާބު ބޯމަތިވީމާ ކުރާކަންކަން،

  2. Anonymous

    ސޮރީ

  3. ނައިބްތުއްތު

    އެންމެން ދައްކަނީ ފުރަވީރުންގެ ވާހަކަ، މިއީ ކޮން ކަމެއް
    އިންތިޙާބު

  4. މިސްހާރު

    މަ ނުދާނަން.. މަ ގަބޫލެއް ނުކުރަން މިފަދަ ކަންކަމަކީ މިހެން ބަޔަކު ބޭނުންވީމަ ބޭންޖަހާފަ ކުރެވޭނެ ކަންކަން ކަމަކަށް.. މީ ހަމަ ފައިސާ ހޯދަން ކުރާ ކަންކަން. ނޯ ވޯޓް.

    6
    1
  5. ސަމާ

    ޖުމްހޫރީ ޕާޓީގެ ހަރަކާތެއް

  6. ހަވާ

    ތިއީ ގާސިމްގެ ކަމެއް. ޖުމްހޫރީ ޕާޓީގެ ކެންޕެއިން

    4
    1
  7. ސަންޑާނު

    ތީހަމަ އައިޝްގެ އަތް.

  8. ހަގީގަތް

    ބޮޑަށް ވައްތަރީ ސިޔާސީ ބަޔަކު އަޑީގަ ތިބެގެން ކުރާ ކަމަކާ

  9. ތިއީ ނުރައްކާތެރި ކަމެއްގެ ފެށުން

    އެންމެންނަށް ދަޢުވަތު ދީގެން ކުރާނަމަ، ޢާއްމުގޮތެއްގައި އިޚްލާޞްތެރިކަމާއިއެކު ރަނގަޅު މަޤްޞަދެއްގައި ކުރާ ކަންކަމަކީ އެއީ ކޮންބަޔަކު، ކީއްކުރަން ކުރާ ކަމެއްކަން އަންގައިގެން އެކަމެއް ކުރުމެވެ. ކުރިޔަށް އޮތްތަނުގައި ސޯޝަލްމީޑިއާ ގައި އިޝްތިހާރުކޮށްގެން އެކި ނަންނަމުގައި ކޮންމެފަދަ ބަޔަކު ވެސް އެއްވެ އުޅުމުގެ ދޮރު ހުޅުވުނީ އެވެ. ކޮންމެއަކަސް މަގޭ ދުޢާ އަކީ ތި ޙަރަކާތުގެ ސަބަބުން ބަޔަކު ޣާފިލް ނުވެ ﷲގެ ޙަޟްރަތުން މި ޤައުމުގެ އެންމެހައި ރައްޔިތުން ރައްކާތެރި ކޮށްދެއްވެވުމެވެ! އާމީން

    4
    1
  10. ސަނާ

    ނާޒިމް ކެމްޕޭނު ޙަރަކާތް ފެށުން.

  11. ޠާމީނު

    ކޮންބައެެއްތަ ދައްކަނީ، ގައިމު މަށަކީވެސް މުޅިމާލެ އަދި ހުޅުމާލޭގަ އެނބުރޭމީހެއް. މަމިހިރީ އަޑުއެހިތާ..!