އޭޝިއަން މާޗިންގް ބޭންޑް ކޮންފެޑަރޭޝަން (އޭއެމްބީސީ) ގެ ބޯޑް ބައްދަލުވުން އަދި އޭޝިއަން މިއުސިކް ގޭމްސް 2023 ގެ ޓެކްނިކަލް ބައްދަލުވުމުގައި އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލަމްނައި (އަންބާ) އިން ބައިވެރިވެއްޖެއެވެ.

އަންބާ އިން ދިވެހިރާއްޖެ ތަމްސީލްކުރަން ބައިވެރިވި ޓީމްގައި ހިމެނެނީ އަންބާގެ ފައުންޑިންގް މެމްބަރު އިބްރާހިމް އަފީފް، އަންބާގެ ނާއިބު ރައީސް މުޙައްމަދު އަޒްމީ ރަޝީދު އަދި އަންބާގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ފަޔާޒް އެވެ.

އޭޝިއަން މާޗިންގް ބޭނޑް ކޮންފެޑަރޭޝަން (އޭއެމްބީސީ) އަކީ އޭޝިއާ ގެ 23 މެމްބަރު ގައުމު ހިމެނޭހެން ހެދިފައިވާ ކޮންފެޑަރޭޝަންއެކެވެ. އޭއެމްބީސީގެ މައިގަނޑު މަގްސަދަކީ އޭޝިއާ ސަރަހައްދުގަ މާޗިންގް ބޭންޑުތަކުގެ ކަންތައްތައް ކުރިއެރުވުމެވެ.

އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލަމްނައި (އަންބާ) ގެ މޮޓޯއަކީ "މަޖީދިއްޔާގެ އަޑު އަންބާއާއެކު" އެވެ. އިސްކުލަ އަކީ މަޖީދިއްޔާގެ ކުރީގެ ބެޖެއްގެ ކުލަ ކަމުގައިވާ މުށިކުލައެވެ. އަންބާގެ ރަސްމީ އިދާރާއަކީ މަޖީދިއްޔާ ސްކޫލެވެ.

އަންބާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޖަމިއްޔާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމުގެ ހަރަކާތްތައް ހިންގުމާއެކު، މަޖީދިއްޔާ ސްކޫލްގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލް ބޭންޑްތަކަށް އެހީގެ ފުރުސަތުތައް ހޯދައި މަގުފަހިކޮށްދިނުމާއި، ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރަކާތްތައް އިންތިޒާމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

2023 މެއި 20 ވަނަ ދުވަހު ކުރިއަށް ގެންދެވުނު އޭޝިއަން މާޗިންގް ބޭނޑް ކޮންފެޑެރޭޝަން (އޭއެމްބީސީ)ގެ ބޯޑް ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ބޯޑް އޮފް ޑިރެކްޓާސް ވަނީ ހޮވާފައެވެ. މިގޮތުން ނިމިދިޔަ ދައުރުގެ ކަންޓްރީ ޑިރެކްޓާ ފޮ މޯލްޑިވްސްގެ މަގާމުގައި ހުންނެވި، މިހާރުގެ އަންބާގެ ނާއިބު ރައީސް މުޙައްމަދު އަޒްމީ ރަޝީދު ވަނީ މާކެޓިންގް ޑައިރެކްޓަރގެ މަޤާމަށް އަށްޔަނުކުރެވިފައެވެ. އަދި މި ދައުރުގެ ކަންޓްރީ ޑިރެކްޓަރ ފޮ މޯލްޑިވްސް ގޮތުގައި ވަނީ މިހާރުގެ އަންބާގެ ސެކެޓްރީ ޖެނެރަލްގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޔާޒް ހަމަޖައްސާފައެވެ.

މިގޮތުން، ކުރިއަށް ގެންދެވުނު މިބޯޑް މީޓިން އަދި ޓެކްނިކަލް މީޓިންގްގެ އިތުރުން، 3 ގައުމެއްގެ އެސޯސިއޭޝަންއަކާއިއެކު އަންބާ އިން ވަނީ ތަފާތު ތިން އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައެވެ. ސޮއި ކުރެވުނު އެމްް.އޯ.ޔޫ ތަކުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މިއުޒިކް ކުރިއެރުވުމުގެ އިތުރުން ޤައުމުތަކުގެ ދެމެދުގައި މިއުޒިކްގެ ޞަޤާފަތް ދިރުވައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް އަންބާ އިން މައުލޫމާތު ދެއެވެ.

އެމްއޯޔޫ އެއްބަސްވުން ހެދުނު ފަރާތްތައް:

  1. ކަލާގާޑް އެލައިއަންސް އޮފް ދަ ފިލިޕީންސް އިންކް
  2. ދަމާޗިންގް ބޭންޑް އެސޯސިއޭޝަން އޮފް ތައިލޭންޑް.
  3. އިންޑޮނީޝިއާ މާޗިންގް ބޭންޑް އެސޯސިއޭޝަން.

ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ އިތުރުން މުބާރާތްތައް ބާއްވާ ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އަންބާ އިން ބުނެއެވެ.