ޓްރޮޕިކަލް ވޭވްސް އިން ކްލަބް ހައުސްގައި ބޭއްވި އިލްމީ ނޫރު ގުރުއާން މުބާރާތުން އެއް ވަނަ މުހައްމަދު ސާއީ މުބާރިކް އަށް ލިބިއްޖެއެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޝަރީފްގެ އިތުރުން ކުރީގެ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވަނީ އެ މުބާރާތުގައި ބައިވެރިވި ހަތަރު އުމުރުފުރާއަކުން ވަނަ ހޮވާފައެވެ. އަދި މުޅި މުބާރާތުން އެއްވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.

މުޅި މުބާރާތުން ހޮވިފައިވަނީ މުހައްމަދު ސާއީ މުބާރިކް އެވެ. މިމުބާރާތުން އެއްވަނަ ހޮވައިގެން ސާއީއަށް ވަނީ އުމްރާ ދަތުރެއްވެސް ލިބިފައެވެ.

ޓްރޮޕިކަލް ވޭވްސް އިން ކްލަބް ހައުސްގައި ބޭއްވި އިލްމީ ނޫރު ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ

ސާއީ އަކީ ރަންތާޖު ގުރުއާން މުބާރާތުގެވެސް އެއްވަނަ ބައިވެރިޔާއެވެ.

ޓްރޮޕިކަލް ވޭވްސް އިން އިންތިޒާމުކޮށްގެން ކްލަބް ހައުސްގައި މިއަހަރު ބޭއްވި ގުރުއާން މުބާރާތުގައި 380 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

މިއީ މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.

ޓްރޮޕިކަލް ވޭވްސްއިން ބުނީ މުބާރާތުގެ މަގްސަދަކީ ރާއްޖެ ހުރިހާ ކަންކޮޅުތަކުގައި ތިބި މީހުންގެ ހިތުގައި ގުރުއާންގެ ރޫހް އަލާ ކުރުން ކަމަށެވެ. އަދި ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މި މި މުބާރާތުގެ މަގްސަދު ކަމަށްވެސް ބުންޏެވެ.