އިންތިހާބުތަކުގައި އެހީތެރިޔަކާ ނުލައި ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދާފައިވާ ކަރުދާހުގެ ޓެމްޕްލޭޓްގެ ސާމްޕަލްއެއް ދައްކާލައިފި އެވެ.

އެ ޓެމްޕްލޭޓް ދައްކާލީ ލޯފަން މީހުންނަށް އެހީތެރިޔަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވަމުން ނެވެ.

އެ ބިލު ހުށަހެޅުއްވި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ވަނީ އެ ޓެމްޕްލޭޓް އޮންނަ ގޮތް ދައްކަވާލައްވައި އަދި އޭގެ ތަފްސީލު ދެއްވައިފަ އެވެ.

ޖީހާން ވިދާޅުވީ އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ނުވަތަ ވަގުތީ ގޮތުން ވޯޓު ކަރުދާސް އޭގެ މަތީގައި ބާއްވާލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓެއް ކަމަށެވެ.

އެ ޓެމްޕްލޭޓްގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ފާހަގަ ޖަހަން ޖެހޭ ދިމާ ރަސްގެއަކަށް ވާހެން ކަނޑާނެގިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުން އެ ޓެމްޕްލޭޓް މަތީގައި އަތް ޖައްސާލައިގެން ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހަން ފަހިކޮށްދިނުން. މިއީ ވޯޓު ލާ ކަރުދާހުގެ ސައިޒަށް އޮންނަ ޕްލާސްޓިކް ގަނޑެއްގައި އަރިމަތީގައި ނަންބަރުތަކާ ދިމާލަށް ކަނޑާ ނަގާފައި މި ވަނީ ރަސްގެއެއްހެން ފާހަގަޖަހަންވީ ދިމާ. މިހެން އޮތުމުގެ ސަބަބުން މި ޓެމްޕްލޭޓަކީ ވޯޓު ކަރާދާހަ އެއްވަރު، އެތެރެ ފެންނަ ޕްލާސްޓިކް ވަސީލަތެއް. އެހެންވީމާ ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަސްގެ ނުވަތަ ރަނގަޅިު ފާހަގަ އެވަނީ ޓެކްޓައިލް ކުރެވިފަ. މި ހިނދުން މި ޓެމްޕްލޭޓް ބޭނުންކޮށްގެން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގަ ގަލަމުން ފަވާލުމުގެ ފުރުސަތު ފެނުމުން މަހުރޫމްވެފައިވާ ފުރުސަތުތަކަށް ލިބިގެންދާނެ، އަދި ވޯޓު ކަރުދާހުަގއި ފާހަގަ ޖަހަން ބޭނުންވާ ދިމާނޫން އެހެން އެެއްވެސް ފަރާތެއްގައި ގަލަމުން ފެވުމުގެ ފުރުސަތުވެސް ނެތިގެންދާނެ،" ޖީހާން ވިދާޅުވި އެވެ،

ޖީހާން ހުށަހަޅުއްވާފައި ބިލުގައި ބުނެފައިވާ ގޮތުގައި ބިލުގައި ބުނީ ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން ވޯޓުލާން ހާޒިރުވި މީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަން ދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ލޯފަން މީހާގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައުސޫމު

    ވޯޓުން ވައްކަންކުރުން.. ސިލްސިލާ 1...

    ލޯފަން މީހުންނަށް ވޯޓު ލެވޭގޮތަށް ހަދާފައިވާ ކަރުދާހުގެ ޓެމްޕްލޭޓް ދައްކާލައިފި

  2. ހައިރާން

    ފުރަތަމަ ތިޔަ ބިލުގެ ނަން ރަނގަޅުކުރޭ. ވޯޓުލާންޖެހޭނީ ލޯފަން މީހުން އެކަންޏެއް ނޫން. ލޯއަނދިރި މީހުންވެސް ވޯޓު ލާންޖެހޭނެ. ނޭނގެންޏާ ދަސްކުރޭ. ބިލުގައި އެސްކަޅީ މީހުން ވޯޓުލާނެ ކަމަށް ލިޔޭ. އޭރުން ދެކޮޅުޖެހޭނީ.