ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ހައްޔަރު ކުރި މީހާ އެރަށަށް ގެންގޮސްފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މިހަތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަހްޒަމް އަބްދުއްޝަކޫރު، 23އ، ރިފާޝް 21އ ގެ އިތުރުން ހަސަން ފަވާޒް، 21އ އެވެ. މީގެ ތެރެއިން މާލެއިން ހައްޔަރު ކޮށްފައިވަނީ ހަސަން ފަވާޒް އެވެ.

މާލެއިން އޭނާ ހައްޔަރުކޮށް، ބަންދަށް ވަނީ މަސް ދުވަސް ޖަހާފައެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ބަންދުގައި ހުރި ފަވާޒް މިއަދުގެ ވަގުތެއްގައި ވަނީ ނައީމާ މަރާލި، މަނަދޫއަށް ގެންގޮސްފައެވެ. އޭނާ އެރަށަށް ގެންގޮސްފައިވަނީ ފުލުހުން ރަށުގައި ކުރިއަށް ގެންދާ ތަހުގީގަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނައީމާގެ މަރުގެ ތުހުމަތު ކުރެވޭ އަހްޒަމް އާއި ރިފާޘް ރަށު ތެރޭގައި ގެންގުޅުނު ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، މި ކާރަކީ ފަވާޒްގެ ކާރު ކަމަށްވެއެވެ.

ނައީމާ މަރާލި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ފުލުހުން ވަނީ ހޯދައިފައެވެ. އެ ތަކެތި ހޯދީ މަނަދޫގައި ވަޅުލާފައި ހުއްޓައެވެ.

އޭޕްރީލް ހަތް ވަނަ ދުވަހު ނައީމާގެ ހަށިގަނޑު އޭނާ ދިރިއުޅޭ ގޭތެރެއިން ފެނުނު އިރު، ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އޭނާ ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން، ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ.

މަނަދޫގައި މީގެކުރިން މިހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    ޟަރާފަނުވޭބުނުމަކީ ބޭއިންސާފެއް،، އަހުމަދުނަޖީބު،.އަފުރާށީމު،،ޔާމީނު، ތުއްތު ކުއްޖެއް، ، އީޔެގެ މަރު، ހުރިހާމަރެއްވެސް އަނިޔާވެރި ،މިނިކާވަގުން ހެންށިކާރަވެރި މަރުން މަރާފަވަނީ،،،،.