އައްޑޫސިޓީގައި ރޭ އާންމުން ނުކުމެ ކޮށްފައިވާ މުޒާހަރާ އަކީ ޒާތީ މައްސަލައެއްގައި ބަޔަކު މީހުން އަޑީގައި ތިބެ އޮޅުވާލި ބޮޑު އޮޅުވާލުމެއްކަން ހާމަވެއްޖެއެވެ.

ފުލުހަކު ކުޑަ އަންހެން ކުއްޖެއް ގޮވައިގެން ގެސްޓުހައުސް އެއް ތެރޭގައި އޮތްކަމަށް ބުނެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫގެ ގިނަ ބަޔަކު ވަނީ ހިތަދޫގައި ހުންނަ ހައި ސްކޫލް ފަހަތަށްވާ ގޮތަށް ހުންނަ ގެސްޓް ހައުސް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ.

ނަމަވެސް ފުލުހުން އެތަނަށް ގޮސް ބެލި ބެލުމުން, އެތަނުގައި ފުލުހަކު ވެސް އަދި ކުޑަ ކުއްޖަކު ވެސް ނެތްކަން ވަނީ ހާމަވެފައެވެ.

ރޭގެ ހަމަނުޖެހުމުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވެފައިވާއިރު, ބައެއް މީހުން އެތަނުގައި އެވަގުތު ތިބި ފުލުހުންނަށް މަރުގެ އިންޒާރު ދިން އަޑުވެސް އިވިގެންދެއެވެ. އަދި ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި ގޮވާލަމުންދިޔަ މަންޒަރުވެސް ފެނިފައި ވެއެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ, އައްޑޫ ސިޓީ ހިތަދޫގައި ރޭ ފިރިހެން ފުލުހަކާއި ހިލޭ އަންހެނަކު ކޮޓަރިއެއްގައި ތިބިކަމުގެ ޝަކުވާ އެއް ލިބިގެން ފުލުހުން އެޑެންޓުވެފައިވާ ކަމަށާއި ނަމަވެސް ފުލުހުން ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިނުވާކަން އެނގިފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން "ވަގުތު" އިން ބެލިބެލުމުން ބަޔަކު ރޭ ދައުރު ކުރަމުން ދިޔައީ ދޮގު މައުލޫމާތުތަކެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.

ގެސްޓްހައުސް ބޭރުގައި ގިނަ ބަޔަކު އެއްވެ އެތަނަށް ވަންނަން މަސައްކަތް ކުރުމާއި ގުޅިގެން ފުލުހުން ވަނީ ގެސްޓްހައުސް ތެރޭގައި އެވަގުތު ހުރި އަންހެނަކު ފުލުހުންގެ ހިމާޔަތުގައި އާއިލާއާއި ހަމައަށް ގެންގޮސްދީފައެވެ.

ގެސްޓްހައުސް ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުން ފަހުން ވަނީ އެ ސަރަޙައްދަށް އެސްއޯ ފުލުހުންގޮސް ހަރަކާތްތެރިވާން ފެށުމާއެކު އެސަރަޙައްދު ދޫކޮށްގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަައްޑޫގެ އަޑު

    ހަމަނުޖެހުމާއި ފިތުނަފަސާދައިން ކުރާކެމްޕޭނަކީ ވަގަކުމިނިވަންކުރަންކުރާ ބޮޑުކުށެއް. އެއީ އަޅުގަނޑުމެން ބަލައިގަންނަކަމެއްނޫން. އެގޮތަށްކެމްޕެއިން ނުކުރުމަށް އިލްތިމާސްކުރަން..

    17
    56
    • ޚަލޮ

      ކަލޯ މި ގައުމުގަ ހުރީ އެއްމެ ވަގެއް.
      ދެން ޖަލުތަކުގައި ތިބި އެހެން ގައިދީންތަކެއް ދޫކޮށްލަން އުޅޭ.

      7
      1
  2. މޮހޮނު

    ރޭގެ ހަމަނުޖެހުމުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވެފައިވާއިރު, ބައެއް މީހުން އެތަނުގައި އެވަގުތު ތިބި ފުލުހުންނަށް މަރުގެ އިންޒާރު ދިން އަޑުވެސް އިވިގެންދެއެވެ. އަދި ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި ގޮވާލަމުންދިޔަ މަންޒަރުވެސް ފެނިފައި ވެއެވެ.
    މީ މި ނޫން ގައުމެއްގަ ހިނގި ކަމެއްނަމަ އެހެން ގޮވި އެންމެންގެ ދަތްކޮޅު ދުއްވާލާފަ ހައްޔަރުކޮށް ޖަލައްވެސް ލާނެ.

  3. ބޯކިބާ

    ތިކަހަލަ ކަންކަން އާންމުކޮށް ކުރަނީ މާލޭ މީހުން.