ޓެކްސީއަކަށް އެރުވި ދޮޅުލައްކަ ރުފިޔާގެ އިލެކްޓްރިކް ސާމާނު ސީސީޓީވީ ފުޓޭޖް ބަލައިގެން ފުލުހުން ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.

މާފަންނު ޕޮލިހުން އެތަކެތި ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުބަލައި އެ ޓެކްސީ ދެނެގަނެގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަކަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ. ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ކަމަށް ވެސް ފުލުހުންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދިޔައީ ކީއްވެ ކަމެއް ފުލުހުންގެ ޓްވީޓްގައި ވިދާޅުވެފައެއް ނުވެއެވެ. އަދި އެމައްސަލަ އާއި ގުޅިގެން ޓެކްސީ ޑްރައިވަރުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ފުލުހުން ކުރާކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު ބަންގްލަދޭޝްގެ 10،000 ޓާކާގެ ވެރިފަރާތް ހޯދުމަށް ވެސް އިއްޔެ ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، 10،000 ޓާކާ ފެނިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ ތައި އެކްސްޕްރެސް ފުޑް ކޯޓު ސަރަހައްދުން ކަމަށެވެ. އަދި އެ ފައިސާ އަޅައިފައި ހުރީ ޓިޝޫ ޕެކެެޓަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ ވަކި ބައެއްގެ ކަންކަން ބަލާބައެއް. 3 އަހަރުވީ އަހަރެން ހުށަހެޅި މައްސަލަ ވީ ހިސާބެއްވެސް ނޭނގެ.