ކައިރި މުސްތަގްބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގަ ވާހަކަ ދައްވަމުންނެވެ.

މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއިއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުކަމަށާއި، އޭގެ ފަހުން ހަތް ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނައިރު އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ ސަތޭކައަށްވުރެ ގިނަ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް ދޫކުރެވުނު ކަމަށެވެ.

މިއީ ކުރިއެރުމެއްކަމުގައިވީ ނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަހްލީލު ކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި ތަމްރީނު ލިބިފައިވާ ބޭފުޅުން ރާއްޖޭގައި މަދުކަންވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތައާރަފްކުރެވިގެން ދިއުންކަމަށް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ނިޒާމެއް ތައާރަފްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާދީނީ އައުޓް

    އަޅުގަނޑައްވެސް އުންމީދު ކުރުމަށް މުސާރަ ލިބޭނެނަމަ! ދައުރު ނިމެން 3 މަސް އޮތްކަން ހަނދާން ކޮއްދެން. އަދި ޔޯގާޑޭވެސް ވަރަށް ގާތްވެފަވާކަން ހަނދާންކޮއްދެން

  2. ތަފާލު

    ހަރާން ކަންކަން ޕްރޮމޯޓް ކުރާ ސަރުކާރަކަށް ބައިއަތު ހިފައިގެން ތިބެ މާ މޮޅު ވާހަކަތަކެއް ދައްކާނެކަމެއް ނެތް

  3. ސާފުވެއްޖެ

    ލާދީނީ ބަޔަކާ އެކުވެގެން ގެންނަ ސިސްޓަމެއް އުފެދުމުގައިވެސް އޮންނާނީ ހަރާންވެފަ. އެފަދަ ބަޔަކާއެކު ހަލާލު ސިސްޓަމެއް ނުގެނެވޭނެ.

  4. އއ

    ހަރާމްހަލާލް އެއީ ޑިޖިޓަލް އެއްޗެއްނޫން! ބާވާލެއްވި ކަނޑައެޅުމެއް އަމުރެއް.! މިވާހަކަ ދުލުން ބުންނި ޒަމާނުގަ ބުންޏަސް ޕްރިންޓްޒަމާން 1470 ހިސާބުގަ ފެށުނަސް އިލެކްޓްރޯނިކް ޒަމާން 2000 އަޔަސް ....

  5. ރަނާ

    ޑީނާ ޚިލާފް އެތައްކަމެއް އިޝްތިހާރުކޮށް އެކަން ކަން ކުރަމުންދާއިރު އެންމެ ފަހަރަކު ވެސް ނުބުނެޔޭ އެކަން ހުއްޓަން
    ޚަމާ ބެހޭ ފަރާތާ ގުޅިގެން މަސައްކަތް ކުރަމެކޭ . ބޭކާރު ވާހަކަ ދައްކަނީ.