އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި، އެމެރިކާގެ ސުޕްރީމް ކޯޓަށާއި، އޫޓާ ސްޓޭޓް ކޯޓު އަދި ޔޫއެސް ޑިސްޓްރިކްޓް ކޯޓުތަކަށް އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން އާއި ދިވެހި ވަފުދުން ޒިޔާރަތްކުރައްވައި އެ ކޯޓުތަކުގެ މަސައްކަތުގެ ނިޒާމު ހަމަޖެހިފައިވާ ގޮތް ބައްލަވައި، އެ ކޯޓުތަކުގެ ފަނޑިޔާރުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ޔޫސް ސްޓޭޓް އެޓަރނީސް އޮފީހަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ޕްލީ ބާގެއިނިން، ވިކްޓިމް ސެންޓަރޑް އެޕްރޯޗް، އެޑްވޮކަސީ އަދި ޕޯސް ކޮންވިކްޝަންއާ ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

މީގެއިތުރުން، އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ (OPDAT) އަދި ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި އެޑްމިނިސްޓްރޭޓިވް އޮފީސް އޮފް ޔޫއެސް ކޯޓުސް އަދި ފެޑެރަކް ޖުޑީޝަލް ސެންޓަރ އިންޓަރނޭޝަނަލް އޮފީހަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ކޭސް މެނޭޖްމަންޓް ސިސްޓަމްއާއި ޖުޑީޝަލް ސެކިއުރިޓީ އަދި ޖުޑީޝަލް އެކްސްޗޭންޖް ފުރުޞަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

ޖޫން 11 އިން 17 އަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސަވާފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުންނެވެ.