އަޟްހާ ޢީދާއި ދިމާކޮށް "ހަބޭސް ޢީދު ކުޅިވަރު 1444" ތ. އަތޮޅު ވަންދޫގައި ބާއްވަން ނިންމާފިއެވެ.

އެކި އެކި ކުޅިވަރާއި ސަގާފީ ހަރަކާތްތަކާއި އެކީގައި "ހަބޭސް ޢީދު ކުޅިވަރު 1444" ވަންދޫގައި ބާއްވަން އިންތިޒާމްކޮށްފައިވަނީ ވަންދޫ ކައުންސިލާއި ހަބޭސް ބޮޑުބެރު ގްރޫޕުން ގުޅިގެންނެވެ. މި ހަރަކާތްތައް ސްޕޮންސާކޮށްފައިވަނީ ހަބޭސް ބޮޑުބެރު ގްރޫޕުންނެވެ.

ހަބޭސް ޢީދު ކުޅިވަރުތައް 7 ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެެގޮތުން، މި ހަރަކާތްތައް ފެށުމުގެ ގޮތުން ޢީދު ނަމާދަށްފަހު ހެނދުނު 08:00 އިން 08:30 ގެ ނިޔަލަށް ޙާއްސަ ސަޔެއް ދޭނެއެވެ. ހަމަ އެދުވަހު އުޟްހިޔާ ކަތިލުންވެސް ކުރިއަށް ގެންދާނެއެވެ. އެއަށްފަހު، ފިރިހެން ވޮލީ މުބާރާތުގެ ފުރަތަމަ މެޗް ބާއްވާނެއެވެ. އަދި ހަވީރުގެ ވަގުތެއްގައި ރަށުގެ އަންހެނުންނަށް ޚާއްސަ ބަށި މެޗަކާއި ވައުދެމުގެ މުބާރާތެއްވެސް ބޭއްވުމަށް ރޭވިފައިވެއެވެ.

18:00 ގައި 15 މިނެޓްގެ ވަގުތުކޮޅަކަށް މާލި ޕެރޭޑެއްވެސް ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި އިންތިޒާމްކޮށްފައިވެއެވެ. ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅުގެ ކުރިން ކައުންސިލު ކުރިމަތީގައި ބާއްވާ ބަނޑިޔާ ނެށުމުގެ ހަރަކާތާއި ބެއި ނެރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އަޟްހާ ޢީދު ދުވަހުގެ ދެވަނަ ދުވަހުގައި މަތީގައިވާ ހަރަކާތްތަކުގެ އިތުރަށް ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ މެޗް ފަށާނެއެވެ. މީގެ އިތުރަށްވެސް، 3 ޖުލައިގައި ޚާއްސަ މަސްރޭސްއެއް ބާއްވަން ހަމަޖެހިފައިވެއެވެ. އެއާއިއެކު، ސަގާފީ ކުޅިވަރުތައް ނިމުމަކަށް އަންނާނެއެވެ. އަދި ކުޅިވަރުގެ ހަރަކާތްތައް ނިމިގެންދާނީ ކުޑަކުދިންގެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗްއިންނެވެ.

ކައުންސިލުން މި ހަރަކާތްތަކަށް އެކުލަވާލި ޚާއްސަ އީދު ކޮމެޓީން ވަނީ ހަބޭސް ބޮޑުބެރު ގްރޫޕުން ކޮންމެ އަހަރަކުވެސް ސަގާފީ ކުޅިވަރުތައް ދިރުވުމަށް އެހީތެރިކަން ފޯރުކޮށްދޭތީ އެ ގްރޫޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.