ނިމިގެންދިޔަ މެއި މަހުގައި ޖެންޑާ މިނިސްޓްރީ އަށް ޖުމްލަ 306 މައްސަލަ ރިޕޯޓުކޮށް އެޓެންޑުވެފައިވާ ކަމަށް އެ މިނިސްޓަރީން ބުނެފިއެވެ.

މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި މެއި މަހު އެ މިނިސްޓްރީއަށް ވަނީ ތަފާތު ގިނަ މައްސަލަތައް ހުށަހަޅާފައެވެ. އެގޮތުން:

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 132 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި, އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލައެވެ. އެ ބާވަތުގެ 31 މައްސަލައެއް ހުުށަހަޅާފައިވާ ކަމަށް މިނިސްޓަރީން ބުނެއެވެ.

ޖިސްމާނީ ހާނިކައިގެ 22 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 22 މައްސަލަ، އިހުމާލުވުމުގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 9 މައްސަލަ އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 4 މައްސަލަ، ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ ހުށަހަޅާފައިވާކަން މިނިސްޓަރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

މިނިސްޓަރީން ހާމަކުރާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 22 މައްސަލައެވެ.
  • މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ 1 މައްސަލަ ހިމެނޭކަމަށް ވެސް މިނިސްޓަރީން ބުނެ އެވެ.

ޢާއިލީ މައްސަލަ

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލަ، ހަޟާނާތުގެ 11 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލަ ވަނީ ހުށަހެޅިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތައް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 31 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 4 މައްސަލަ ހިމެނޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

  • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 4 މައްސަލައެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

  • މިނިސްޓްރީން ބުނާގޮތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލަ މެއި މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑު ކޮށްފައެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 28 މައްސަލައެއް މެއި މަހި ހުށަހެޅުނުއިރު އޭގެތެރޭ ރުޅިއިސްކުރުން ނުވަތަ ރުޅިގަދަވެ އުޅުމުގެ 7 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ސުލޫކީ މައްސަލައިގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 3 މައްސަލަ އަދި ރުޅިވެރި، ގަވާއިދާއި ޚިލާފު، ނުވަތަ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވާ ޢަމަލު ހިންގުމުގެ 1 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް މޭއި މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާއިބެހޭ 2 މައްސަލަތައް ވަނީ ހުށަހެޅިފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • މެއި މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 182 އެވެ.
  • މެއި މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 2 ކުއްޖަކު ފޮސްޓަރ ކޮށް، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

މިމައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި އެހެނިހެން 6 މައްސަލައެއް ވަނީ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދައިތާ! ތަފާސް ހިސާބު ކިޔާދީފަ ބަހައްޓާތި. މިގައުމު ފަސާދަކޮށް ދެމަފިރިން ވަރިކުރުވައި ދަރިން ބިކަ ހާލުގައި ޖެއްސުން ނޫން ކަމެއް ކަލޭމެނެއް ނުކުރޭ.

  2. Anonymous

    އުވާލަން ވެފަ އޮތްތަނެއް.