ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 111 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑުކުރަން ނިންމައި އެކަން އެންމެ ފުރަތަމަ އިއުލާނުކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000ރ.ގެ އެލަވަންސެކެވެ. އެ އެލަވަންސް ކުޑަ ކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ވެސް ކުރެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ދައުލަތުން ކޮންމެ މަހަކު ވެސް މާލީ އެހީ ދެމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މިއީ މީގެ 13 އަހަރު ކުރިން ފެށިގެން ދޭން ފެށި އެލަވަންސަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އަލަށް ސަރުކާރުން ކަނޑައެޅި އުސޫލުގެ ދަށުން މިހާރު ދެމުން އަންނަ 2000ރ. ގެ އިތުރުން 1000ރ.ގެ އެލަވެންސެއް އެންމެންނަށް ދޭން ރައީސް ސޯލިހް ވަނީ ނިންމަވައިފައެވެ. އަދި 3،000ރ. ގެ އެލަވަންސް ލިބޭނީ ވަކި އުސޫލުތަކެއް ފުރިހަމަވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަންޏެވެ.

ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ މީހުންނަށް އިތުރު 2،000ރ. ލިބޭނެއެވެ. ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި- ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000ރ. ލިބޭނެއެވެ. އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ. ލިބޭނެއެވެ. އެކަމަކު، މި އިނާޔަތް ލިބިގެންދާނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެލަވަންސް 6000 ރުފިޔާ އާއި ހަމައަށް ބޮޑުކޮށްފި

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމްގައި މިދިޔަ މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައި ވަނީ 11،371 މީހުންނެވެ. އެއީ 6،645 ފިރިހެނުންނާއި 4،726 އަންހެނުންނެވެ.

މާލީ ގޮތުން ހަރަދު ކުރެވިފައިވާ މިންވަރަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 111.22 މިލިއަން ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ދިނުމަށް ހަރަދުކޮށްފައި ވަނީ 243.3 މިލިއަން ރުފިޔާއެވެ. އެއީ 10،701 މީހަކަށެވެ. އޭގެ ކުރީ އަހަރު 9،464 މީހުންނަށް 223.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕިއުޓިކް ފަރުވާ ހޯދުމަށް ފައިސާގެ އެހީ ފޯރުކޮށް ދިނުމަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 504 މީހަކަށް 16.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު 554 މީހަކަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރިއެވެ. އޭގެ ކުރީ އަހަރު 356 މީހަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރިއެވެ.

ރާއްޖޭގައި އުޅެމުންދާ ކަމަށް ރިކޯޑް ކުރެވިފައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 3،045 މީހުންނާއި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 2،461 މީހުންނާއި އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ 1،986 މީހުންނާއި އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން 1،517 މީހުންނެވެ.

މީގެއިތުރުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 876 މީހުންނާއި އޯޓިޒަމް ހުންނަ 628 މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 125 މީހުންނާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 63 މީހުން ރާއްޖޭގައި ދިރިއުޅެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަސަން ހުރުސީ

    އެއީ ބޮލަކަށް 10 ހާހެއްހާ ރުފިޔާ. އެކި ނަންނަމުގައި ނަގާ ޓެކްސްތަކާ، ޖޫރިމަނާތަކާއަ، ފައިސާ ޗާޕުކުރުމުގެ ސަބަބުން ލާރީގެ އަގު ވެއްޓުމާހެދި، ރައްޔިތުން ތިބީ ނިކަމެތިކަމުގައި

  2. ޜައްޔިތުމީހާ

    ފާއިތުވި4އަހަރު އެހީހޯދުމުގެނަމުގަ ކުރިދަތުރުތަކައްވެސް ބޮޑުހަރަދެއް ކޮއްފި ނަމަވެސް ނަތީޖާ ސުމެއް

  3. ބަތްޕެން މަރިޔަމބު

    މުލއާގެ ކޮއްތަށް ޚަރަދުވީ ވަރު ޢައްމުކޮށް ބަލާ

  4. ކޮތަރު

    ބޮޑުބައި މުއްގަނޑަށް

  5. އަބްދޫ

    ދަވްލަތުގެ ވަޒީފާގަ 20 އަހަރާއި 40 އހަރުގެ މުއްދަތަށް ހިދުމަތް ކުރެއްވުމުން ގާނޫނުއަސަސީން ލާޒިމްކުރެއްވުމުން ސަރަފުވެރިކަމާއެކު ދިރިއުޅުން ހޭދަކުރުމްށް އޭރު އަދާކުރި މަގާމުގެ މުސާރައިން ދީފައިވާ ޕެންސަން ފައިސާ މިހާރު އެމަގާމްތަކުގެ މުސާރައާ އެއް މިންގަނޑަށް ބަދަލު ނާންނަނީ ކީއްވެ؟ އަދި ގާނޫނުއަސާސީން ދޭންލާޒިމްކުރާ ޕެންސަން ނުދީ އެހެން ނަންނަމުގަ ފައިސާ ދެނީ ކީއްވެ ؟ގާނޫނުއަސާސީއަށް އަމަލުނުކުރަނީ ކީއްވެ ؟