ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ކުރިން ތާވަލް ކޮށްފައި އޮތްނަމަވެސް ތާވަލުން އެމައްސަލަ އުނިކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން މާދަމާ އެކޯޓުގައި އޮންނަ މައްސަލަތަކުގެ ތާވަލް ނެރުނުއިރު ރައީސް ޔާމީނަށް ދައުވާ ލިބޭ މައްސަލައެއް ތާވަލްގައި ނެތެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުން ރައީސް ޔާމީންގެ މައްސަލަ މިނެގީ އެމައްސަލައިގައި އެންމެ ފަހުން ބާއްވަން އުޅުނު ހަތަރު އަޑުއެހުން ވެސް ކެންސަލް ވެފައި ވަނިކޮށެވެ. އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނީ އެމައްސަލައިގައި ދެން ދައުވާ ލިބޭ މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ކޯޓަށް ހާޒިރު ނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އުޒުވެރިވެ އޭނާ ވަނީ ޑޮކްޓަރުގެ ލިޔުންތައް ކޯޓަށް ހުށަހަޅާފައެވެ.

ފުއްގިރި މައްސަލައިގައި މާދަމާ އޮންނަ އަޑުއެހުން ކެންސަލް ކުރި ނަމަވެސް މިމަހުގެ 09 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި އަދި 13 ވަނަ ދުވަހަށް ތާވަލް ކޮށްފައި އޮތް އެމައްސަލައިގެ އަޑުއެހުންތައް އަދި ކެންސަލް ކުރިކަމެއް ސާފެއް ނުވެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީން އާއި ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ.

އެމައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީންގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އަވަސް އަރުވާލައިގެން ޝަރީއަތް ކުރިއަށް ގެންދާތީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް މައްސަލަ ކުރިއަށް ގެންދަން ވެސް ހުރަސް އެޅިފައި ވަނީ ކްރިމިނަލް ކޯޓުން މައްސަލަ ތާވަލް ކުރާ ގޮތުން ކަމަށް ވަކީލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނާ

    ސަރުކާރުން ކޮށްދެއްވަންވީކަމަކީ އެ މައްސަލަވެސް ނެގުން! މިހާރު މި ސަރުކާރުން ޔާމީންއަށް ފުދެލާވަރަކަށް އަނިޔާދެވިއްޖެ! މި ވެރިކަމުގައި 970 ދުވަސް ޔާމީން އެ ވޭތިކޮށްލީ ޖަލުގައި! ވެރިކަމެއްގެ މުއްދަތަކީ 1825 ދުވަސް