ކުރީގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަލުން އަނބުރާ ގެންދިއުމުން، މިއަދު ރާއްޖެ ވަޑައިގެން ދައްކެވި ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލު ކުރަންވީތޯ ޕީއެންސީގެ ނައިބު ރައީސް، އިބްރާހިމް ޝުޖާއު ސުވާލު ކުރައްވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު، މިދިޔަ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފައެވެ.

އަދި ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ދެމަހާއި 12 ދުވަހަށް އޭނާ ބަންދުކުރަން ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުން ހުކުމް ކުރިއެވެ. އެހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

ދައުވާތައް އަނބުރާ ގެންދިއުމުން މިއަދު ރާއްޖެ ވަޑައިގެން އަލީ ވަހީދުގެ ވާހަކަތައް ވަނީ މުޅިން އެހެން ރާގަކަށް ބަދަލުވެފައެވެ.

އެގޮތުން އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެއީ "ހަނގުރާމައިގައި ބޭނުންކުރެއްވި ސްމޯކް ސްކްރީނެއް" ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވަނީ ދިވެހިންނަކީ ގަމާރުންކަމަށް އަލީ ވަހީދު ދެކިވަޑައިގަންނަވަނީތޯ ސުވާލު ކުރައްވައިފައެވެ.

އަދި ޝުޖާއު ވިދާޅުވީ މިހާރު އަލީ ވަހީދު ވެސް މުޑުދާރު މީހުންގެ ލިސްޓަށް ލާފައިވާ ކަމަށާއި ރައީސް އިބްރާހިމް ތާހިރު ކުރާ މެޝިނަކަށް ނުވުމަށް ޝުޖާ ވަނީ އަލީ ވަހީދަށް ނަސޭހަތްތެރިވެފައެވެ.

"މައްސަލަ އަނބުރާ ގެނައީމަ ތިދައްކާ ވާހަކަ އަހަރެމެން ގަބޫލު ކުރަންވީ؟ ދިވެހިންނަކީ ގަމާރު ބައެއްކަމަށް އައްޔަ ދެކެނީތަ؟ އަހަރެމެން މިތިބީ މުޑުދާރު އެންމެންގެ ލިސްޓަށް މިހާރު އައްޔަވެސް ލާގެން. ސޯލިހު ތާހިރު ކުރާ މެޝިނަކަށް އައްޔަ ނުވޭ. އަހަރެމެން މިތިބީ ހަމަހޭގައޭ. މޮޔަނުވެބަލަ." ޝުޖާއު ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުން ނަންގަވައިގެން، ކަޅު ދަބަހެއްގައި ރައީސް ސޯލިހު ގެންދެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރަގު

    މީދެން ކާކު؟

  2. ގާސިމް

    މީހެއްގެ ވިއްޔާ ގޮތެއް ހުންނަވާނެ
    ކުރިން އަމިއްލަ އަނގައިން ދެއްކި ވާހަކަ، މިއަދު ތިޔަ ދޮގު ކުރީ...
    ތިގޮަތަށް ކަންތައް ކުރާކަމަށް ވާނަމަ އެންމެގެ އިތުބާރު ގެއްލޭނެ
    މިހާރު އަލީވަހީދު ތެދެއް ހަދާފައި ވެދާނެ ކަމާމެދު ސައްކު
    އުމަރު ބުނާހެއް އަލީވަހީދު ވެސް ޑިފެންސައް ކުޅެލަ ކުޅެލަ ހުރޭ

  3. ދޯދި

    މީނަގެ މައްސަލަ އަދިބަލަން ވާނެ.