ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފްގެ މައްސަލަގައި އުއްތަމަ ފަނޑިޔާރު އިސްވެ ހުންނަވައި އިންސާފު ހޯދައިދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ރެލީގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ނުހައްގުން ޖަލަށް ލާފައި ކަމަށެވެ. އެެހެންކަމުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވާދަވެރި އިދިކޮޅު ކެންޑިޑޭޓް ވާދަނުކުރާ އިންތިހާބަކީ އެއީ ސައްހަ އިންތިހާބަކަށް ނުވާނެ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ރެލީގައި އާދަމް ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ: ޕީޕީއެމް

އެކަން އެހެން އޮތް އިރު ހައިކޯޓުގައި މިހާރު ހިނގަމުންދާ އިސްތިއުނާފުގެ މައްސަލައަކީ އެއީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި އަދި ރާއްޖޭގައި ބާއްވަން އުޅޭ އިންތިހާބާއި އަދި ރައީސް ޔާމީންއަށް ވޯޓު ލާން އުޅޭ މީހުންގެ ހައްގުތަކާއި ގުޅޭ ވަރަށް ހައްސާސް މައްސަލައެއް ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ އަވަހަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ޝަރުއީ ނިޒާމަށް މިއަދު ލާޒިމްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ މިރޭ އަޅުގަނޑު ގޮވާލަން ޝަރުއީ ނިޒާމަށް، އުއްތަމަ ފަނޑިޔާރަށް ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަށް. ކޯޓުތަކުގެ ފުރިހަމަ ޒިންމާ އަދާ ކުރުމުގައި ރައްޔިތުންގެ މަޖިލިސްއާއި އެހެން ހުރިހާ ތަނަކާއި މި ހުރިހާ ކަމަކާއި ގުޅިގެން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ނަމަވެސް އުއްތަމަ ފަނޑިޔާރު އިސްވެހުންނަވައިގެން ހައިކޯޓުގައި ހިނގަމުން މިދާ މައްސަލައިގައި ލަސްވުމެއް ނެތި ރައީސް ޔާމީންއަށް އިންސާފު ހޯދައިދެވޭނެ ގޮތެއް ޝަރުއީ ނިޒާމުގެ ތެރެއިން ކޮށްދެއްވުމަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަޅުގަނޑުމެން މިހާރު ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާ އިރު ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ރެލީގައި އާދަމް ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ: ޕީޕީއެމް

އެގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވީ އިރު އަޅުގަނޑުމެންނަށް ބޭނުންވަނީ އިސްލާމީ ހަލާރަތު ދިރުވަައި ދީނީ އެއްބައިވަންތަކަން ކުރިއަށް ނެރޭނެ ވެރިއެއް ކަމަށެވެ.

އެހެން ނަމަވެސް މި ފާއިތުވެގެންދާ ފަސް އަހަރުގެ ތެރޭގައި ފެނިގެންދިޔައީ ރާއްޖޭގައި އިސްލާމް ދީނަށް ކުރާ ގަދަރު ކުޑަވެގެން ދިޔަ ތަން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ﷲ އާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހި މީހުންނަށް ހިމާޔަތްދީ އަދި ބޮޑެތި މަގާމުތައް ވެސް ދީފައިވާ ކަމަށެވެ. އެހެންކަމުން މިއީ ކަނޑައެޅިގެން ޔަހޫދީންގެ އަމަލެއް ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަކީ މުނާފިގެއް. ރައީސް ސޯލިހަކީ ރާއްޖެ ކަހަލަ ސައްތައިން ސައްތަ ގައުމެއްގައި ވެރިއަކަށް ބަހައްޓަން ހެޔޮވާވަރުގެ މީހެއް ނޫން. އަޅުގަނޑު މިރޭވެސް ގޮވާލަން ވަގުތުން އިސްތިއުފާ ދިނުމަށް.". އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ރެލީގައި އާދަމް ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ: ޕީޕީއެމް

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއ އިސްތިގުލާލުވެސް ގެއްލިފައިވާ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބޭރު ގައުމަކުން ރާއްޖޭގައި ގާއިމްކޮށްފައިވާ ޕަޕަޓެއް ކަމަށެވެ. އެހެންކަމުން އިންތިހާއަށް މަސައްކަތް ކޮށް ލެެއާ ދާ އޮހުރޮވައިގެން ނޫން ގޮތަކަށް ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުުރން، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިވެހި ގައުމު އަނބުރާ ދިވެހީންނަށް އަނބުރާ ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޑަ ހުއްތު

    މިރޭ އެކޮޅަށް ދިޔަ އިރު ހުރީ ޕޯޑި އަމާއި 2 ސްޕީކަރު އެކަނި! ކޮން ކަހަލަ ޕާޓީ އެއް

    2
    6
  2. ޕިސްޕިސް

    މަށަށް ބުނެދީބަލަ ' ކާކުގެ ވެރިކަމެއްގައިތޯ މި ހުރިހާ ކަމެއް ހިނގީ ' ކާކުތޯ ތުއްތު ކުއްޖެއް ހަދާނެ އެއްޗެއް ހަދަން މުޅިގައުމު ހަވާލްކުރީ ' ކާކުތޯ އަދީބު ނައިބް ރަޢީސް ކަމަށް ގެންނަން ގާނޫނު ބަދަލްކުރީ . . މި ކަމުގެ ޒިންމާ ޔާމިނު ނުނަގާ ވާނެ އެއްވެސް ގޮތެއްނޯންނާނެ . . އޭނާގެ ވެރި ކަމުގަ މިހުރިހާ ކަމެއް ހިނގާ ދިޔައިރު އޭނާގެ ބައިވެރިވުން މިކަމުގަ އޮއްނާނެ . . ދެން ކޮން އަންސާފެކޭ ކިޔަމުން ޕީ ޕީ އެމް މީހުން މަގުމަތީ ދުވާކަށް

    2
    2