މި އަހަރުގެ 30 މޭ ވީ އަންގާރަ ދުވަހު ސަރުކާރުން އިފުތިތާޙު ކުރެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކްސްޕޭސް" ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

"ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

“ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފައި މިވަނީ، ރައީސް އޮފީހުންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި "ޖެމްސް ވަރކްސްޕޭސް" ޕްލެޓްފޯމްގެ ސަބަބުން، ލިބޭނެ ލުއި ފަސޭހަތަކުގެ އިތުރުން “ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 3 މަރުޙަލާއަށް ބަހައިލައިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި ދެންނެވުމުގައި، ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދެއްވުމަށް ރައީސް އޮފީހުން އަންގަވާފައިވެއެވެ.

"ޖެމްސް ވަރކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ.