އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖެއް ކަވަރު ކުރަން އުޅުނު ނޫސްވެރިންތަކަކަށް ފުލުހުން އަނިޔާކުރި މައްސަލަ ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިސް ނަންގަވައިގެން ކުރިއަށް ގެންދިޔަ އިހްތިޖާޖް ކަވަރު ކުރި ޗެނަލް 13 ގެ ކެމެރާމަނަކާއި ސަންގު ޓީވީގެ ނޫސްވެރިއަކު ކޮއްޕާލައި ވައްޓާލި މައްސަލައިގައި އައިއެފްޖޭ އިން ވަނީ އެކަން ކަމާބެހޭ ފަރާތްތަކުން ބެލުމަށް ގޮވާލައިފައެވެ.

ދެ ނޫސްވެރިން ވެސް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ގިނަ ބައެއްގެ ފާޑު ކިއުން ފުލުހުންނަށް އަމާޒުވެފައިވެއެވެ.

މުޒާހަރާތައް ކަވަރު ކުރުމުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އަނިޔާކުރުމާއި ހައްޔަރު ކުރުމާއި އެމީހުންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅާ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.

އެހެންވެ، މޯލްޑިވްސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އިން ވެސް މީގެކުރިން ވަނީ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބޭ ހުރަސްތައް ނައްތާލައި، މިނިވަންކަމާ އެކު ނޫސްވެރިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފައެވެ.