"ދައުރު" އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ނާއިފަށާއި އެ ނޫހުގެ ސީނިއާ އެޑިޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

"ދައުރު" ނޫހުގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން "ދައުރު"ގެ ނޫސްވެރިޔާ އަހުމަދު ނާއިފަށާއި ސީނިއާ އެޑިޓަރަށް އެކި ނަންބަރުތަކުން ގުޅައި މެސެޖްކޮށް މަރުގެ އިންޒާރު ދިން ކަމަށް އެ ނޫހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޫސްވެރިއަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"ދައުރު"ގެ ނޫސްވެރިޔާ އާއި އެޑިޓަރަށް އިންޒާރު ދިން މައްސަލައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދައުރު" ނޫހުގައި "ސިޔާމާއި ހިލްޓަން މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް." ޝާއިއު ކުރި ލިޔުމާއި ގުޅިގެން އެ ނޫހުގެ ސީނިއާ އެޑިޓަރަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ފޯނުން ގުޅުއްވައި ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ފަހުގެ އިންޒާރު ދެއްވަނީ ކަމަށް ވިދާޅުވެ އާޓިކަލް ވަގުތުން ނެގުމަށް ސިޔާމް އެންގެވި ކަމަށް "ދައުރު" ނޫހާ ހަވާލާދީ އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެ އިންޒާރަށް ފަހު އާޓިކަލް ލިޔުނު ނޫސްވެރިޔާ އަށާއި އެޑިޓަރަށް އެކި ނަންބަރުތަކުން އެތައް މެސެޖެއްކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ދެ މީހުންނާ މަގުމަތިން ދިމާކޮށްލާނެ ކަމަށާއި ފުރާން ދުއްވާލާން ވެސް ފަސްނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްޖޭއޭއިން ބުނީ އެ ޔޫނިއަނުން ގަބޫލުކުރާ ގޮތުގައި ނޫސްވެރިނަށް މަރުގެ އިންޒާރު ދިނުމަކީ އާދައިގެ ގޮތުގައި ނެގޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ އިންޒާރަކީ އިންތިހާ ދަރަޖައަށް ނުރައްކާ އޮތް ކަންބޮޑުވާ ދަރަޖައިގެ ސީރިއަސް އިންޒާރެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

މި މައްސަލަ ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް އިންޒާރު ދިން މީހުން އިންސާފުގެ ކުރި މައްޗަށް ގެނެސް ނޫސްވެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދިނުމަށް އެމްޖޭއޭއިން ވަނީ ގޮވާލައިފައެވެ.