ރާއްޖޭގައި މިހާތަނަށް އައި ސަރުކާރުތަކަށް ބަލާއިރު މިސަރުކާރު ނޫނީ ރައްޔިތުުންނާ އެހާ ގާތުން މަސައްކަތް ކުރި ސަރުކާރެއް މި ނޫނީ ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ވަގުތު ޓީވީގެ "ތަފްސީލީ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖޭގެ ސަރުކާރަކުން ރައްޔިތުންނާ އެހާ ގާތުން މަސައްކަތް ނުކުރާ ކަމަށާއި މި ނޫނީ ރައްޔިތުންނަށްޓަކައި ކުރެވުނު ވެރިކަމެއް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖޭގައި އުފެދުނު ސަރުކާރަކުން ރައްޔިތުންނާ ގާތުން މިއަށް ވުރެ ބޮޑަށް ވެރިކަންކުރެވިފައި ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައްޔިތުންނަށް ބޭނުންވާ ކަމަކީ ކޮބައިތޯ ބަލައި، އެ ރައްޔިތުން ދިރިއުޅޭ ވެށީގަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވުނު ސަރުކާރެއް މި ނޫނީ ނެތޭ އަޅުގަނޑު ދަންނަވާނީ." ހުސައިން ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވައުދުތަކާއި ޖޮއިންޓު ޕާޓީގެ މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަކުރަމުން ގެންދާ ކަން ހުސެއިންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކާއި ޖޮޮއިންޓު ޕާޓީގައި ހުރި މެނިފެސްޓޯތަކުގެ ތެރެއިން 95 އިންސައްތަ އަށް ވުރެ ގިނަ ވައުދު ހުރީ ކޮށް ނިންމާފައި." ހުސައިން ވިދާޅުވިއެވެ.

މިސަރުކާރާ އަޅާބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އިޖްތިމާއީ ގިނަ މައްސަލަތައް ހުރި ކަމަށާއި މުޒާހަރާތަކާއި، ގޭންގް މާރާމާރީތަކުގެ އިތުރުން "ކާބަފައިންވެސް ޖަލަށްލާފައި" ހުރި ކަަމަށް ހުސައިން ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމުގައި ހުުންނެވިއިރުގައި ބެރިކޭޑެއް ނެތް ތަނެއް ނެތް. މުޒާހަރާއެއް ނެތް ދުވަހެއް ނެތް. ފުލުހުުންނާއި ސިފައިން ނުކުމެ ޕެޕަރ ސްޕްރޭ ނުޖަހާ ދުވަހެއް ނެތް. މުޒާހަރާކުރުމުގެ ކަންތައް އިންތިހާ، ގޭންގް ފައިޓް އިންތިހާ، ބިރުވެރިކަން އިންތިހާ، ކާބަފައިން ޖަލަށް ލާފަ ވާނުވާގަ އެބަހުރި." ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެން ފަދަ ލީޑަރުން ޖަލުގައި ތިއްބެވި ކަން ފާހަގަ ކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީގެ ވެރިއެއް ވެއްޖެއްޔާ އެބައޮވޭ ޖަލުގަ، ވަރުގަދަ އެކްޓިވިސްޓެއް ވެއްޖެއްޔާ ހުރީ ޖަލުގަ، އަޅުގަނޑުވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެއްޗެއް ބުނެފިއްޔާ އޮންނާނީ ޖަލުގައި. އެހާލަތުގައި މިތަން އޮތީ"

ކުރީގެ ސަރުކާރާ އަޅާބަލާއިރު ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވާ ގިނަ ބޭފުޅުން ތިއްބެވި ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ޖަލުގައި ނުހުންނަވާކަން ހުސައިން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ސޯލިހުއަށް ތައުރީފް ކުރައްވަމުން ހުސައިން ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ވިސްނުންތެރިކަމާއެކު، މަސައްކަތް ކުރާ ސިޔާސީ ލީޑަރެއް ކަމަށާއި އެފަދަ ލީޑަރަކު ރާއްޖެ އަދި ނުދެކޭ ކަމަށެވެ.

"ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހު ފިޔަވައި ސިޔާސީ ތަޖުރިބާ ގިނަ ބޭފުޅެއް ނެތް، އެހެން މިދަންނަވަނީ ރައްޔިތުންގެ މަޖިލީހުގައި އިންނަވާ ކޮންމެ ދުވަހަކު ދިވެހި ދައުލަތު ހިންގާ ގޮތާއި، ގާނޫނުތަކަށް ގެނެވޭ ބަދަލުތަކާއި ގަވައިދުތައް ގެނެވޭ ބަދަލުތަކާއި އަދި ސިޔާސީ ބޭފުޅުން ސަރުކާރަކާ ދޭތެރޭ ދެކޭގޮތް ކޮންމެ ދުވަހަކު އަޑު އިވިއިވި 25 އަހަރު އެތަނުގައި އިނުމަށްފަހު ވެރިކަމަށް ވަޑައިގަތީ. އެހެންވީމަ ވަރަށް ...ދިމާނުވާނެ. ކޮންމެ ކަމެއް ދިމާވާއިރު ގުޑް އެކްސްޕީރިއަންސް އެކަމެއްގައި ޑީލްކުރަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ތަފާތު ބޭފުޅެކޭ." ހުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ ސަރުކާރުތަކެކޭ އެއްގޮތަށް މިސަރުކާރުންވެސް ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުުންދާކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ހުސައިން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް މިސަރުކާރުން ފެނިގެންނުދާ ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެކަންތައްތައް ބަލާ ތަހުގީގުކުރާ ވުޒާރާތަކުން އެކަންތައް ބަލަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    އަލަމް ގިރި އާ ކައިރިންވެސް މަސައްކަތް ކުރިސަރުކާރެއް ނެތް.

    19
  2. ހުސޭނުބޭ

    މިނޫނީ ވަގުންނާ ގާތުން މަސައްކަތްކުރި ސަރުކާރެއް ނެތް!

    17
  3. ވަގު ކިނބޫ

    ރައްޔިތުންނާ ގާތުން ވައްކަން ކުރި ވެރިކަމެއް މިނޫނިއްޔާ ނުދެކެން. ވަގުން، ހައްތަރު ކުރާނެ ތައްޔަރުވެ ތިބޭ. ފިލައިގެން ނުދެވޭނެ.

  4. ބަފާކަލޭގެ2

    ގާތުން ލައްކަ މަސައްކަތް ކޮށް އަލިފާންދަނޑި މެދުން ބިދިފަ އޮތް ސަރުކާރެއް މިނޫނީ އަދި ދިވެހި ތާރީޚް ނުދެކޭ.

  5. އަހުމަދު

    އެއްޖިންސުން ގުޅުން ހިންގި ސަރުކާރެއް އަދި މި ރާއްޖޭގައި މި ނޫނީ ނެތް....