ރާއްޖޭގެ ރަށްރަށުގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީ ނޫން ބަޔަކު ރައްޔިތުން ބޭނުން ނުވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީން ގެނެސް ދިން "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާ ހަވާލުވެވަޑައިގެންނެވި އިރު، ހިނގަމުން ދިޔައީ މަދު މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެ މަޝްރޫއުތައް އިންތިހާއަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި އެމްޓީސީސީއަކީ މިހާރު މަޝްރޫއުތައް ހިންގުމައި ދެވަނައެއް ނެތް ފަދަ ކުންފުންޏެއް ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

"އެއްވެސް ރަށަކުން މިހާރު ބޭނުމެއް ނުވޭ އެމްޓީސީން ނޫނީ ޕްރޮޖެކްޓްތައް އަންނާކަށް. އަޅުގަނޑު ފަހުރުވެރިކަމާއެކު މި ވާހަކަ ދައްކަނީވެސް. އަޅުގަނޑުމެންނަށް ޕްރޮޖެކްޓެއް ދީފިއްޔާ މިހާރު ހުރިހާ ރައްޔިތުންންވެސް ގަބޫލު ކުރޭ އެމްޓީސީސީން ނިންމާނެކަމަށް، އެމްޓީސީސީން ކުރާނެކަން. އެމްޓީސީސީއަށް ވާނެކަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް އެމްޓީސީސީއާ ހަވާލު ކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ބަދަލުތަކެއް ނާންނަނަމަ ކަނޑައަޅާފައިވާ ވަގުތަށް ހުރީ ނިންމާފައި ކަމަށެވެ.

"މިހާރު ތަނެއްގައި ކަމެއް ހިނގާ ނަމަ، ނުހިނގާ ނަމަ، މީހުންނަށް އެބަ އެނގޭ. ކައުންސިލްތަކުގެ ވައިބާ ގްރޫޕްތައް އެބަހުރި. ރައްޔިތުންގެ ވައިބާ ގްރޫޕްތައް އެބަހުރި. ވަޓްސްއަޕް ގްރޫޕްތައް އެބަހުރި" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލްތަކާއެކު މަސައްކަތް ކުރަނީ ވަރަށް ގާތުން ކަމަށާއި އަދި ފާއިތުވި ދެ ތިން އަހަރުގެ ތެރޭގައި އޭނާ 140 އަށްވުރެ ގިނަ ރަށްރަށަށް ދަތުރުވެސް ކުރައްވާފައިވާ ކަމަށެވެ.

އަދި ކުރިން އެމްޓީސީސީއާ މެދު ޝުއޫރުތައް ހުރި ގޮތާއި އަދި މިހާރު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި ކައުންސިލްތަކުން ވެސް މިހާރު ބޭނުންވަނީ ޕްރޮޖެކްޓްތަކަަށް ސީދާ އެމްޓީސީސީން އަންނަން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެ އިތުބާރާއި ގުޅުމާއި ރަހުމަތްތެރިކަން އުފެދުނީމަ މި ހުރިހާ ކަމެއް އެ އަންނަނީ. އަނެއްކާ އަޅުގަނޑުމެން 150 ޕްރޮޖެކްޓް ނިންމައިފިން މިވީ ދެ ތިން އަހަރުގެ ތެރޭގައި. އަދި އެއީ ކޮވިޑާ އެއްކޮށް އެނގޭތޯ މިއީ. އެހެންވީމާ އެމްޓީސީސީއާ ހަވާލުކޮށްފިއްޔާ އެކަމެއް ރަނގަޅަށް ނިންމާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން" އާޒިމް ވިދާޅުވިއެވެ.

އެއް މިސާލު ނަންގަވައި އާޒިމް ވިދާޅުވީ އެމްޓީސީސީން 50 އަށްވުރެ ގިނަ ބަނދަރު ނިންމާފައިވާ ކަމަށާއި އަދި މިހާރުވެސް 50 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޙްމަދު

    އެއީ ތެދެއް
    ޕުރޮފިޓް ގައި ހިގަމުން ދިޔަ ކުންފުޏެއް ދަރުވާލައިފި

  2. ފިޔަ

    ނާޒިމު އެބުނީތެދެއް ދ ހުޅުދެލީގަ ހަދަަާފަ އޮތްބަނދަރުގެ އެތްގަމުހީވަނީ ވެލާއަރާފައޮތް އަިހުރިހާ ހިލަތައްވެސް ހުރީއެއްގަމުގަ އެއް ކައުންސިލުންރަގަޅުކުރާށޭބުނީމަވެސް އެއަޑުނާހާފރައިގެންދިޔައއެވެ

  3. ހުސޭނުބޭ

    އޭރުންދޯ މަށަށް ގިނައިން ކެވޭނީ!

  4. ރެގިއުލާ ކަސްޓަމަރ

    ހުރިހާ މަސައްކަތެއް އެމްޓީސީސީ އާއި ޙަވާލިކުރުން ނޫން އެހެންގޮތެއްނެތް. ސަބަބަކީ އެމްޓީސީސީ ނޫން އަމިއްލަ އެހެން ކުންފުންޏަކާއި މަސައްކަތް ޙަވާލުކޮށްފިނަމަ އެކުންފުންޏަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޤާބިލްކަމެއް ސަރުކާރުގައިނެތް. އެމްޓީސީސީ އަކީ ސަރުކާރު ޙިއްސާވާ ކުންފުންޏަކަށްވާތީ އެމްޓީސީސީއަށް ސަރުކާރުން ދޭންޖެހޭ ފައިސާ ހުންނަނީ ކަރުދާހުގެ ލިޔެވިފައި. އަސްލު ފައިސާ އެމްޓީސީސީއަށް ދޫކުރަނީ ކިރިޔަކިރިޔާ މަންތްލީ ޚަރަދުތައް ކުރެވޭ ވަރަށް.
    މިނޫހުގެ ފަރާތުން މިކަން ޔަޤީން ކުރުމަށް އެމްޓީސީގެ ފައިނޭންސް ގައި މަސައްކަތްކުރާ ސީނިއަރ މުވައްޡަފަކާއި ސުވާލުކޮށްލިއަސް މީތެދުކަން އެގޭނެ.

  5. Anonymous

    ދޮގުނުހަދާ އާދަމް އާޒިމު ރާއްޖޭގެ އަމިއްލަ ބައިވަރު ކުންފުނިތައް މަސައްކަތައް ބޭނުންވެފައި އިބަތިބި! އަމިއްލައަށް ފަޟީހަތްވެ ބޭޒާރުވަނީ! އެމްޓީޓީސީއިން ކުރާ އެއްވެސް މަސައްކަތެއްނުނިއްމާ! ދ.މީދޫގެ ބަދަރު ރަށްމެދަށް ދޫކޮށްލައިފައި އެ އޮތީ ނުނިއްމާ ބައިވަރުމަސައްތަތް އެއޮތީފެންނާން!