(ޏ. ފުވައްމުލައް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕެއިންގައި މި ރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އާބާދީގައި 13،499 މީހުން ހިމެނޭ އަދި ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ފުވައްމުލަކީ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށް އެންމެ މުހިންމު އެއް ދިމާލެވެ. ފުވައްމުލައް ސިޓީގައި އެއް ބިލިއަނާ ގާތަށް މަޝްރޫއުތައް ހިންގަމުން އަންނަ އިރު، ގިނަ މަޝްރޫއުތަކެއް ވަނީ ނިމިފައެވެ. އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ފާހަގަ ކުރަމުން އަންނަ އެއް ކަމަކީ ފުވައްމުލަކު އެތެރޭގެ މަގުތައް ތަރައްގީ ކުރުމެވެ.

ރައީސް ސޯލިހް މިއަދު ފުވައްމުލަކުގައި. އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: އެމްޑީޕީ

ފުވައްމުލަކަށް ރައީސް ސޯލިހް ވަޑައިގެންނެވީ މިއަދު ހަވީރު ފަހެއް ޖަހަނިކޮށެވެ. އޭރު، އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފުވައްމުލަކު އެތެރެ އާއި ބޭރުގައި ދިގު ސަފެއް ހަދާލާފައި އޮތެވެ. އެ ދިގު ސަފު ގޮސް ނިމުނީ އެއާޕޯޓު ކައިރީގައި ހަދާފައިވާ ފުޓްބޯޅަ ދަނޑު ކައިރިންނެވެ. ރަށުގެ ބައެއް މީހުން ބުނާ ގޮތުން ނަމަ، މިއީ ރައީސަށް މި ފަހުން ކީ އެންމެ ހޫނު މަރުހަބާއެވެ.

އެމީހުންނާ ސަލާމް ކުރެއްވުމަށް ރައީސް ވަނީ ބައިގަޑިއިރެއްހާ އިރު ހޭދަ ކުރައްވައިފައެވެ. އަދި އެމަނިކުފާނު ބައެއް މީހުންނާ އެކީގައި ފޮޓޯ އާއި ސެލްފީ ވެސް ނަންގަވާފައިވެއެވެ. ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބެވި އިރު، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފޯރި ނަގައިފައެވެ.

ރައީސް މިއަދު ފުވައްމުލަކުގައި. --- ފޮޓޯ: އެމްޑީޕީ

އެގޮތުން "ރައީސް އިބޫ، އެއް ބުރުން"، "ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް"، "މިފަހަރު ވެސް ހޮވާނީ އިބޫ،" ފަދަ އެތައް ޝުއޫރުތަކެއް އެމްޑީޕީ، އެމްޑީއޭގެ ސަޕޯޓަރުން ގޮވަމުން ދިޔައެވެ.

"މި ވަރުގެ އޯގާތެރި، ހިތްހެޔޮ، އިހްލާސްތެރި ވެރިއެއް މި ނޫނީ ނުދެކެން. ތިޔަބޭފުޅުން ބައްލަވާލައްވާ، ފުވައްމުލަކުގެ އެއްކޮޅުން އަނެއް ކޮޅަށް މި ފެންނަނީ ތަރައްގީ. މި މަންޒަރު ބަލަން ބަޔަކަށް ކެތެއް ނުވާނެ. އެކަމަކު، ހަގީގަތީ އެއްވެސް ދައުރެއްގައި ނުކުރާ ފެންވަރަށް ފުވައްމުލައް ތަރައްގީކޮށްފި ކަން، ދެވަނަ ދައުރެއް ދޭން ޖެހޭ ހަގީގީ ސަބަބަކީ އެއީ،" ސަފުގައި ހުރި މެދު އުމުރުގެ އަންހެނަކު ކިޔައި ދިނެވެ.

ރައީސް މިއަދު ފުވައްމުލަކު އަންހެނަކާ އެކީގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އެމްޑީޕީ

ފުވައްމުލަކަށް މި ހޯދުނީ އެންމެ ބޭނުންވާ ތަރައްގީ؟

އެއާޕޯޓު ސަރަހައްދަށް އެއްވެ ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ފަހު، ރައީސް ސޯލިހް ދެން ވަޑައިގަތީ އެއާޕޯޓު ކައިރީގައި އޮންނަ ދޫޑިގަން އަވަށުގެ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވުމަށެވެ. އެ ތަން ހުޅުއްވައި ދެއްވުމަށް ފަހު، ފުވައްމުލަކު ސްކޫލްގައި އަލަށް އިމާރާތް ކުރި މަލްޓި ޕާޕަސް ހޯލް ހުޅުއްވައި ދެއްވިއެވެ.

އޭގެ ފަހުގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ވެސް ރައީސް ވަނީ ހުޅުއްވައި ދެއްވައިފައެވެ. ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހް މިއަދު ފުވައްމުލަކުގައި. --- ފޮޓޯ: އެމްޑީޕީ

ފުވައްމުލަކު ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުން އޮންނާނީ މި ރަށު ސްޓޭޑިއަމް ސަރަހައްދުގައި ރޭގަނޑު 9 ޖަހާއިރެވެ.

ރައީސް ސޯލިހް ފުވައްމުލަކަށް ވަޑައިގަންނަވާތީ އެ ސިޓީގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން، އިދިކޮޅު ސަޕޯޓަރުންނަށް ފުވައްމުލަކު އެއާޕޯޓާ ކައިރި ނުވެވޭ ގޮތަށް މަގު ވަނީ ބަންދުކޮށްފައެވެ. އިދިކޮޅު ބައެއް ސަޕޯޓަރުން އެއާޕޯޓު ކައިރި އަށް ދާން ވެސް މަސައްކަތްކޮށްފައިވެއެވެ. އެކަމަކު، އެމީހުން ކުރިއަށް އެރިޔަ ނުދީ ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްޅަބޭ

    ފޮޓޯއަށް ތިއްތި ދެއްކިޔަސް..އެެއް ބުރުން ވޯޓުން ތަޅާ ތިރިކުރާނީ ސަދޫމްގެ ރައީސް..

    19
    3
  2. ތުއްތުނާ

    އިދިކޮޅުމީހުންގެއުނދަގުލާހެދި މަށަށްނުދެވުނީތީ އިންތިހާއަށް މައާފަށްއެދެން. ވޯޓު ޔަގީންކުރަށްވާ

    4
    19
  3. މުފައްކިރު

    ފުވައްމުލަކުން ހޫނު މަރުޙަބާއެއް ނުކިޔާ. ތަރުޙިބު ބޮޑުކަމަށް ފެންނަނީ ސަރުކާރުގެ މުވައްޒަފުން، ކުންފުނި ތަކުގެ މުވައްޒަފުން. ރަށުން ބޭރުން އައި މީހުން ގިނަވީމަ ތަތިބިމަ.

  4. މުފައްކިރު

    އިދިކޮޅުމީހުންގެއުނދަގުލާހެދި މަށަށްނުދެވުނީތީ އިންތިހާއަށް މައާފަށްއެދެން. ވޯޓު ޔަގީންކުރަށްވާ. ތުއްތުނާ އަށް ނުފެނުނަސް އިދިކޮޅު މީހުންނަށް ކުރި އަނިޔާ ހަމަލޮލުން ފެނިއްޖެ.

  5. ހަގީގަތް

    ބަޔަކު އޮބިއަޅައިގެން ރައީސް ރަށްރަށައް ދަނީ ނޫސް ވެރިންނަށް ނުފެނުނަސް

  6. ހުސޭނުބޭ

    ހޫނު މަރުހަބާ ޖެހުނީ އައްޑޫއިންނާއި މާލެއިން މޯލްޑިވިއަންގައި އުފުލަން. ދެން ނުވިތާކަށް ސަރުކާރުގެ މުއައްޒަފުންނަށް ބިރުދައްކައިގެން ނެރުނީ! ކުޑަކުދިން ކައިރީގައި ދައްކާ ޒާތުގެ ވާހަކަ ނުދައްކާ!