ދަށު ކޯޓަކުން އިއްވާފައިވާ ހުކުމަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށާއި އެ އިންތިހާބުގައި ވާދަކުރުމުގެ ހައްގުތައް ވެސް ހަނިވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

އީސީން އެގޮތަށް ނިންމީ ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީލޯންޑްރިންގެ މައްސަލައެއްގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި އޮތުމުންނެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހާއަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީންގެ ހަމްޒާ ލަތީފް ވިދާޅުވީ 12 މަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވާ ހުކުމުން މިންޖުވާ ދެ ގޮތެއް ބަޔާން ކުރެވިފައިވާ ކަމަށެވެ. އެއް ގޮތަކީ ހުކުމް ތަންފީޒުކޮށް ނިމުން އަދި ހުކުމަށް މާފް ލިބިދިނުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މާނަ ކުރާ ގޮތުން އެ ތަނުގައި ބަޔާން ކުރާ ހުކުމަކީ ދަށު ކޯޓުގެ ހުކުމެއް ކަމަށް ބަލައިފި ނަމަ، އެ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ކުރިޔަސް ގާނޫނުއަސާސީގެ ސަރީހަ އިބާރާތަށް ބަލާ އިރު، މަތީ މަރުހަލާގެ ކޯޓަކުން ހުކުމް ބާތިލް ކުރުމަކީ އެ ހުކުމުން މިންޖުވާނެ މަގެއް ނޫން ކަމަށެވެ.

"އެހެންވީމަ ދެ ހާލަތުން ކުރެ ހާލަތެއް ނެތް ގޮތަކަށް މިވަގުތު މާނަ ކުރަމުން ގެންދަވާތީވެ އެއީ އެ މާއްދާގައި އެންމެ ރަނގަޅު މާނަ ކުރުން ކަމުގައި އަޅުގަނޑު ނުދެކެން،" ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ މިހާރު މާނަ ކުރާ ގޮތުން އިސްތިއުނާފީ މަރުހަލާގެ ހުކުމް ބާތިލް ކުރެވޭ ނަމަ، އެއީ ހުކުމްގެ ސަބަބުން ގެއްލިގެންދާ އިންތިހާބީ ހައްގު އަލުން ލިބިދެވޭނެ ގޮތެއް ނޫން ކަމަށް ތިލަކޮށް މާނަ ކުރާތީ އެއީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނާ މުޅި ހައްގު ނިގުޅައިގަނެވިދާނެ މާނަ ކުރުމެއް ކަމަށް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެްއވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ.

ހަމްޒާ ވިދާޅުވީ 109 ވަނަ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށް ވަންދެން ރިޔާސީ ކެންޑިޑޭޓަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގު ފުރިހަމައަށް ކަށަވަރުވާ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނާ ހައްގުތައް ހަނިކުރާ ނަމަ، އެ ހައްގު ހަނިކުރާ މިންވަރަކީ އެންމެ ކުޑަ މިންވަރު ކަމަށާއި ބައިނަލްއަގުވާމީ މިންގަނޑަށް ބަލާއިރު ޑިމޮކްރެޓިކް ޕްރެކްޓިސް އިން ހަނި ކުރާ ހައްގަކަށް ވާން ޖެހޭ ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ އީސީން މާއްދާ މާނަކޮށްފައި އޮތުމުން ޔާމީންގެ ހައްގުތައް ޣައިރު ދުސްތޫރީ ގޮތެއްގައި ނިގުޅައިގެންފައިވާ ކަމަށެވެ. މިކަން ހައްލު ވާނީ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތަކުން ދަމަހައްޓާފައިވާ ހުކުމެއް ކަމަށް މާނަކޮށްގެން ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ބަލާ އިރު، އެންމެ ރަނގަޅު ގޮތަކީ އަސާސީ ހައްގު ދަށު ކޯޓުން ކުރާ ހުކުމަކުން ހަނި ނުވާނެ ގޮތަށް އެ ތަނުގައި 109 ވަނަ މާއްދާގެ (ޅ) ގައި ހަވާލާ އެ ދެނީ އެޕީލްގެ ހުރިހާ އެވެނިއުއެއް އެގްޒޯޒްވުމަށް ފަހު މި އަންނަ ހުކުމް ނިހާއީ ހުކުމަށް ހަވާލާދޭ ހަވާލާ ދިނުން އެއީ ރަނގަޅު މާނައަކީ އަޅުގަނޑު ދެކޭ ގޮތުގައި،" ހަމްޒާ ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 109 ގެ (ޅ) ގައި ބުނާ ހުކުމަކީ އިސްތިއުނާފު މަރުހަލާތަކުން ބެލި، އަޕްހޯލް ކުރެވި، ރެސް ޖުޑިކާޓާއަށް ނުވަތަ ނިހާއީ ހުކުމަކަށް ވެފައިވާ ހުކުމަކަށްވުމަށްފަހު، އެ ހުކުމް މަތީ ކޯޓަކުން ބާތިލް ކުރުމުގެ ފުރުސަތެއް ނޯންނާނެ، ދެން އެ މީހަކު ސަލާމަތް ވާނީ އެހެންޏާ ހުކުމް ތަންފީޒުކޮށްގެން ނޫނީ މާފު ލިބިގެން، ވީމާ މި ނުކުތާގެ އަލީގައި ފެންނަނީ 109 ވަނަ މާއްދާގެ (ޅ)ގައި އެ ބުނަނީ މަތީ ކޯޓަކުން ނިމި، އިސްތިއުނާފީ ދޮރު ބަންދު ވެފައިވާ ހުކުމެއްގެ ވާހަކަ ކަމަށް،"

މިސާލެއްގެ ގޮތުގައި ހަމްޒާ ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓުން ނިންމި އަބްދުﷲ ހަސީން ވ. ދައުލަތް، މައްސަލައަށެވެ. އެ މައްސަލާގެ ހުކުމްގައި ބުނާ ގޮތުން ކޯޓަކުން ކުރާ ކޮންމެ ޖިނާއީ ހުކުމަކީ އޭގެ ޒާތުގައި ތަންފީޒު ކުރުމުގެ ގާބިލްކަން ލިބިގެންވާ ހުކުމެއް ކަމުގައިވިޔަސް، ނިހާއީ ހުކުމަކަށް ވާން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ޔާމީންގެ ވަކީލުން އެދިވަޑައިގެންފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ބާތިލް ނިންމެވުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޔާމީނަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ކަނޑައަޅައި ދެއްވުމަށާއި އިންތިހާބުގައި ބައިވެރިވުމަށްޓަކައި ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ދެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް އަންގަވައި ދެއްވުމަށް ވެސް ވަކީލުން އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ޔާމީންގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕީއެމަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ޔާމީންގެ އިތުރު ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ހާލަތެއްގައި އެ ހުށަހެޅުން ހުށަހެޅުމަށް ސުޕްރީމް ކޯޓުން ފުރުސަތު ދެއްވުމަށް ވެސް ޔާމީންގެ ވަކީލުން އެދިވަޑައިގެންފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑަ ކުރެއްވި ކަން ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. ޔާމީންގެ މައްޗަށް ވ. ފުއްގިރި މައްސަލައިގައި އިއްވި ދައުވާތަކާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.