އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ހުކުމް ދެމެހެއްޓި ނަމަވެސް އެ ހާލަތުގައި ނައިބު ރައީސަށް ގައުމުގެ ވެރިކަން ހަވާލުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހާއަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ 109 ވަނަ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށް ވަންދެން ރިޔާސީ ކެންޑިޑޭޓަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގު ފުރިހަމައަށް ކަށަވަރުވާ ކަމަށެވެ.

އިންތިހާބުގެ ހައްގެއް ގެއްލޭ ގޮތަށް ހުކުމެއް މީހެއްގެ މައްޗަށް ސާބިތުވީ ކަމަށް ބެލެވޭނީ، ގާނޫނަކުން އެ ހުކުމް އިތުރަށް އިސްތިއުނާފް ނުކުރެވޭ ހާލަތުގައި، ނޫނީ އިސްތިއުނާފީ މުއްދަތް ފުރިހަމަވުމަށް ފަހު، އިސްތިއުނާފު ނުކުރެވޭ ހާލަތް މެދުވެރިވުމުން ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ ޔާމީނަށް ވާދަކުރަން ފުރުސަތުދީ، އެމަނިކުފާނު އިންތިހާބުވެގެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ނިހާއީ ވެއްޖެނަމަ އެ ވަގުތުން ފެށިގެން ރައީސަކަށް ވުމުގެ ޝަރުތު ގެއްލޭ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް، މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބު ރައީސަކު ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި އެކަން އެގޮތަށް އޮތީ ދައުރު ފެށުމަށް ފަހު ނުވަތަ އޭގެ ކުރިން ވެސް ރައީސްގެ މަގާމު އަދާނުކުރެވޭ ފަދަ ދާއިމީ ސަބަބެއް މެދުވެރިވާ ހާލަތުގައި ގައުމު ދުސްތޫރީ ހުސްކަމަށް ނުދިޔުމަށްޓަކައި ކަމަށް ހަމްޒާ ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އޭނާއާ އެކު އިންތިހާބުވި ނައިބު ރައީސަށް ހަވާލު ކުރެވޭ ގޮތަށް އޮތުމުން ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެހެހ

    ހާދަ ބޭކާރު ވާހަކަގިނައޭ މިއަދު ރ.ޔާމީން ވާކީލުން ، ތައްޔާރުނުވެތިބިކަން ފާހަގަވަނީ ،

    9
    7
  2. ކޮހުން

    "އިންތިހާބު ކާމިޔާބުކޮށް ހުކުމް ދެމެހެއްޓިޔަސް ނައިބު ރައީސަށް ވެރިކަން ކުރެވޭނެ" ތި އުސޫލުން އާމީހަކު ހޮވަންވެސް ހޮވޭނެ

    3
    5
  3. ލޮލް

    ޔާމީނު ނޫން އެހެން މީހަކަށް މިގައުމުގެ ވެރިކަން ހަވާލު ކޮށްފިނަމަ ޕީޕީއެމްގެ މެމްބަރުން ފާފަވެރިވާނެތަ؟

    8
    5