ޖިނާއީ މައްސަލައެއްގައި ދަށު ކޯޓަކުން އިއްވާފައިވާ ހުކުމަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމްގެ ބާރު ދަށްވާ ކަމަކަށް ނުުވާތީވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށް ގަބޫލު ނުކުުރައްވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓުގައި މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. އެހެންވެ، އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނީ އެޓާނީ ޖެނެރަލް އޮފީސް ތަދައްހުލް ކުރުވައިފައެވެ.

"އިންތިހާބު ކާމިޔާބުކޮށް ހުކުމް ދެމެހެއްޓިޔަސް ނައިބު ރައީސަށް ވެރިކަން ކުރެވޭނެ"

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ގޮތާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި އިސްތިގްރާރުވެފައިވާ ގާނޫނުއަސާސީ މާނަ ކުރުމުގެ އުސޫލުތަކަށާއި އެ މާއްދާގައި ބުނާ އާންމު މާނައަށް ބަލާއިރު ޔާމީންގެ ވަކީލުން ކުރައްވަނީ ރަނގަޅު މާނައެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ދަށު ކޯޓަކުން ކުރާ ހުކުމަކުން ހައްގުތައް ހަނިވެގެން ނުވާނެ: ޔާމީންގެ ވަކީލް

ފާތުމަތު ވިދާޅުވީ މިހާރު އޮތް ގޮތުން ނިހާއީ ހުކުމެއްގެ ގޮތުގައި މާނަ ކުރަން ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. ކޯޓުތަކާ ގުޅޭ ގާނޫނުގެ 16 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގައި އޮތް އިބާރާތަށް ބަލާ އިރު، އެ ހުކުމް މާނަ ކުރެވިފައި ވަނީ ދަށު ކޯޓުގެ ހުކުމެއްގެ ގޮތުގައި ކަމަށް ވެސް ފާތުމަތު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނު އޮތްގޮތުން ދަށު ކޯޓަކުން ކުރާ ހުކުމެއް ދެމި އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ. އަދި ނިހާއީ ހުކުމެއް ކަމަށް ބަލައިގެން ގާނޫނުއަސާސީގެ މާއްދާ މާނަ ކުރެވިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އޮތްގޮތުން ވެސް ޔާމީނަށް މިވަގުތު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަމަށް ދައުލަތުގެ ވަކީލް ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭގެ ފަހުގައި، ދައުލަތުގެ ވަކީލް މިސާލު ނެންގެވީ ގއ. ވޮޑަމުއްލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ހުކުމްގައި ފާހަގަކޮށްފައިވާ ނުކުތާއަކުންނެވެ. އެ ހުކުމް އިއްވެވި ފަނޑިޔާރުން މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވައެވެ.

ދައުލަތުގެ ވަކީލް ވާހަކަ ދައްކަވަނީ.

އޭގައި އޮތީ ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ ހުކުމެއް އިސްތިއުނާފު ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ބާރު ދަށްވާނެ ހުކުމެއް ނޫނެވެ. އަދި އެ ހުކުމަކީ ވުޖޫދުވެފައިނުވާ ހުކުމެއް ކަމުގައި ބަލާނެ ޖާގަ އޮތްކަމެއް ވެސް ނޫނެވެ. އަދި މިފަދަ ހުކުމެއް މީހެއްގެ މައްޗަށް އިއްވުމުގެ ނަތީޖާއަކީ، އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އެމީހެއްގެ މައްޗަށް ހިންގާ އިޖުރާއަތުތައް ހިންގުމުގައި އެ އިޖުރާއަތު ހިންގުމަށް ބޭނުންވާ މިންވަރަށް ގާނޫނުއަސާސީގައި ލިބިދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވާ މީހެއް ކަމުގައި ބެލެވުމެވެ. މި ހާލަތުގައި އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ މަރުހަލާގައި އިތުރު އިޖުރާއާތެއް ހިނގާނީ ގާނޫނުގައި އެ އިޖުރާއާތެއް ބަޔާންވުމުންނެވެ.

ފާތުމަތު ވިދާޅުވީ ދަށު ކޯޓުން ކުރި ހުކުމެއް އިސްތިއުނާފް ކުރުމަކީ އެ ހުކުމް ސާބިތުވެފައިވާ ކަމަށް ނުވަތަ ކޮންވިކްޝަނަކީ ނެތް އެއްޗެއް ކަމަށް ބަލައިގެން ކުރިއަށް ގެންދެވޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.

"އެއީ ނިހާއީ ހުކުމެއް އަންނަން ދެން ނުވަތަ އެޕީލް ކުރެވިފައި އޮތުމަކީ އެ ހުކުމްގެ ބާރު އޭގެ ޒާތުގައި އެއްވެސް ވަރަކަށް ދަށްވާ ގޮތަކަށް މާނަ ކުރެވިގެން ވާނެ ކަމަކަށް ދައުލަތުގެ ފަރާތުން ނުދެކެން." ފާތުމަތު ވިދާޅުވިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން 2007 ގައި އިއްވި ހުކުމެއްގެ ގަޟިއްޔާއަކުން މިސާލު ނަންގަވައި ދައުލަތުގެ ވަކީލް ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަން ފަސް ކުރަން އަމުރެއް އޮތުމަކީ އެ ސާބިތުވި ކޮންވިކްޝަން ނެތިގެން ދިއުން ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

ފާތުމަތު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ސުޕްރީމް ކޯޓާ ހަމައަށް ހުކުމް ފަސް ކުރެވޭ ބައެއް ހާލަތްތައް އެބަހުރި ކަމަށެވެ. އެކަމަކު، އެއީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އާ ގުޅޭ މާއްދާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގައި އަންނަނީ ހައްދު ނުވަތަ ގިސާސް ހިފަން ޖެހޭ ހާލަތްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ދައުލަތުން އެދިފައި ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ތާއީދުކޮށްދިނުމަށެވެ.

ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިއަދު ހަވީރު ފެށި އެ މައްސަލައިގެ އަޑުއެހުން އަދިވެސް ސުޕްރީމް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަބަރި

    މިތާ ހިންގަނީ އަފްގާނިސްތާނާ އިންޑިއާގެ ގާނޫނުބާ

    35
    1
    • ޑިމިކްރަސީގައި ގާނޫނުތަކަކީ އެވަގުތެއްގައި ބާރު އޮތް މީހާ ބޭނުންވާ ގޮތް…
      މި ވަގުތު މި ރާއްޖޭގައި ބާރު އޮތީ އިބުރާހިމުގެ އަތުގަ…ވެދާނެ އޭނަ ބޭނުންވަނީ ކަމަށް ތިގޮތް

      24
  2. ވިކިލީކްސް

    ﷲ ގެ ގާނޫނު މުހުރާލައި ހިންދޫ ދީނު މީހުންގެ ގާނޫނުން މިސާލު ނެގީމާ، ރާއްޖެމިދަނީ ވަރަށް ނުބައި މިސްރާބަކަށް.

    34
    2
  3. ކަލޯދަރި

    ކަލޯގަޔަ. އަނެއްކާވެސް ވޯރާއިން ހުކުމް އިއްވަންފެށީ ދޯ. ބުނަން މިގައުމުގެ ގާނޫނު ބަލައިގެން ކަންކަން ނުނިންމޭނަމަ ގާޒީކަމުން އޮސްތިއުފާދީ

    16
    2
  4. ކަލޯދަރިތާ

    ކަލޯގަޔަ. އަނެއްކާވެސް ވޯރާއިން ހުކުމް އިއްވަންފެށީ ދޯ. ބުނަން މިގައުމުގެ ގާނޫނު ބަލައިގެން ކަންކަން ނުނިންމޭނަމަ ގާޒީކަމުން އޮސްތިއުފާދީ

    15
  5. Anonymous

    މީރާގެ ނޯޓިސް އެއްގެ ވާހަކަ ދައްކާ އިރަށް ދައުލަތުން ވަގުތުން ނޯޓިސް އެއް އުފައްދައިގެން ގެނައި، ހެކި އުފައްދަން ، ދައުލަތުން ލިއުންތަށް ފުރަތަމަ ހުށަހެޅީ ލިއުން ތަކުގައި ނެތް ކަންކަން އުފައްކުރުވަނީ މައްސަލަ ހިގަމުންދާއިރު ކަން މާރަގަޅަށްވެސް އެގިގެން ދިޔަ !

  6. ހައްވަ

    މަންޖެ ކިޔާބަލަ ދެން އިސްތިއުނާފާބެހޭ މާއްދާ އުވާލަންވީނު