(ގދ. ހޯނޑެއްދޫ) މި ރަށަކީ ރީތި، ވެށީގެ ގޮތުން ނުހަނު ހިތްފަސޭހަ ރަށަކަށްވާތީ ލޯކަލް ޓޫރިޒަމް ފަށަން އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މި ރަށަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ހޯނޑެއްދޫގައި ވެސް ވައުދުތައް ފުއްދެމުން އަންނަ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. މި ދައުރުގައި އަޅާ އެންމެ ބޮޑު އެއް ބަނދަރު މި ރަށުގައި އަޅަމުންދާ އިރު، އެކަން ނިމެމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ގދ. ހޯނޑެއްދޫގައި. --- ފޮޓޯ: އެމްޑީޕީ

މީގެއިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމަވަމުންދާ ތަން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް ދައުރުގައި މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ލޯކަލް ޓޫރިޒަމް ފައްޓަވައި ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

"މި ރަށުގައި އެ ސިނާއަތް ކުރިއެރުވުމަށް އަޅުގަނޑުމެން ސަރުކާރުގައި ކޮށްދޭން ޖެހޭ ކަންތައް ދެވަނަ ދައުރެއްގައި ފަހިކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ގދ. ހޯނޑެއްދޫގައި. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާ އާއި ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައާ އެކުގައި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެ ދައްޗާއެކު ސަރުކާރު ހިންގަމުން ދިޔައިރު ރައްޔިތުންނަށް އޭގެ ތަކްލީފެއް ނުޖައްސަން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ހަމައެކަނި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 16 މިލިއަން ރުފިޔާގެ މި ރަށުގެ ރައްޔިތުންނަށް ދީފައިވާނެ ކަމަށެވެ. އަދި އެސްޑީއެފް ލޯންގެ ގޮތުގައި 16 މިލިއަން ރުފިޔާ ދިނުމަށް އެޕްރޫވްކޮށް 15 މިލިއަން ރުފިޔާ ވާނީ ރަށުގެ އެކި ރައްޔިތުންނަށް ފޯރުކޮށްދީފައި ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރަށް ހޮވިވަޑައިގެންފި ނަމަ، ހޯނޑެއްދޫގައި ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް އަޅުއްވައި ދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ފުޓްބޯޅަ ދަނޑެއް އަޅައި ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަންނަ

    ކަހާތަން ހިރުވާވެސްނުލާ އޮވެފަ ބުރުމާއަށް އެއާޕޯޓް ވެސް ދޫކޮށްލީ. އައްޑޫ އެއާޕޯޓް އެއޮތީ އަންނަނީ އަޅުވާފަ. ޓުއަރިސްޓުން ގެނެވޭވަރެއްނުވޭ ޓިކެޓް އަގުބޮޑުކަމުން. އެތެރޭ އުދުހުން އަގުހެޔޮކުރަން ބުނިމީހާ ބޭލީ ހުން މާމުއި

  2. ޑައެލޯގް

    އެމްޑީޕީއަކީ ޓުވަރިސްޓުން ރާއްޖެނައުމަށް ބޭރުގަގޮވާ ބޮއިކަޓް ކުރަންގޮވިބައެކެވެ. އެވަރުގެ ބައެއް ޓުވަރިޒަމޭކިޔަން ލަދުނުގަނޭހެއްޔެވެ.