ބ. ކެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މިސްކިތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާލީއެވެ.

ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވެވުނު އެ އެއްބަސްވުމުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް 365 ދުވަހުގެ ތެރޭގައި ބިނާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. މި މަޝްރޫއުގެ އަގަކީ 15,424,823.52 ރުފިޔާއެވެ.

މިނިސްޓްރީން ވިދާޅުވީ މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމްރާތްކޮށްފައިވާ މިސްކިތްތައް މަރާމާތުކުރުމާއި އައު މިސްކިތް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.