ޖެންޑާ މިނިސްޓްރީން 11 ކުދިންނަށް ޔޫތް ރެޒިލިއެންސް ޕްރިގްރާމެއް ހިންގައިފިއެވެ.

ޖެންޑީ މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދ.ކުޑަހުވަދޫ އެފްސީއެސްސީގެ އަމާންވެށީގައި ކަމަށެވެ. 11 ދަރިވަރުން ވަނީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައި ކަމަށް ޖެންޑާއިން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމުގެ މަގްސަދަކީ އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ވަޒީފާއަކަށް އެދި ހުށަހަޅާއިރު އަދި ވަޒީފާއެއްގައި ދެމިތިބުމަށް ބޭނުންވާނެ ފަދަ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ. އެ ހުނަރުތަކުގެ އިތުރުން ޕްރޮގްރާމުގެ ތެރެއިން ދަރިވަރުވި ކުދިންނަށް ވޯޓާ ސްޕޯޓްސް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާނެ ލައިސެންސް ހޯދުމަށް މަގުފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އެ ޕްރޮގްރާމް ފަރުމާކޮށް ޕްރޮގްރާމް ފެށުމުގެ މަޝްވަރާތައް ފަށާފައި ވަނީ ކޮވިޑްގެ ހާލަތުގައި 2020 ވަނަ އަހަރުގައި ކަމަށެވެ. ޕްރޮގްރާމަށް ބޭނުންވާ ފަންޑު ހޯދުމަށް ކޮވިޑް ދުވަސްވަރާއި ދިމާވުމުން ދަތިތަކެއް ދިމާވިނަމަވެސް ޕްރޮގްރާމެއްގެ މުހިންމުކަން އެނގިލައްވާތީ އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަަރަށް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

"ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ކުދިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވޭ. ހެނދުނު ހޭލައިގެން މޫދު ކްލާސްތަކުގައި ބައިވެރިވުމަކީ ފަސޭހަކަމެއް ނޫން. ނަމަވެސް ހިތްވަރާއިއެކު ކުރި މަސައްކަތުން ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައިވާ ބައިވެރިންނަށް މަރުހަބާ. ދެން އޮތް މަރުހަލާ އަކީ އަދި މިއަށް ވުރެ އުނދަގޫ މަރުހަލާއަކަށް ވެދާނެ. ކެތްތެރިކަމާއި އެކު ބުރަ މަސައްކަތުން އިންޝާ ﷲ ތި ކުދިންނަށް ކާމިޔާބު ވާނެ.". މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ޕްރޮގްރާމުގެ ދެވަނަ މަރުހަލާގައި ބައިވެރިން މަސައްކަތުގެ މާހައުލުގެ އަމަލީ ތަޖުރިބާ ހޯދުމަށް ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖެންޑާ އަކީ ކުޑަކުދިން ރަހީނު ކޮށްގެން ކުޑަކުދިންގެ ވަގުފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބުލަކް ގޭންގަކުން ހިންގާ އަނދިރި ތަނެއް !