އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ޝައުގެއް ނެތް ކަން އީޔޫއިން އަންގައިފިއެވެ.

އީޔޫއިން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އިންތިހާބު އޮބްޒާވްކުރުމުގައި އީޔޫއިން އަމަލީ ގޮތުން ބައިވެރިވާން ޝައުގުވެރިކަން ނެތް ކަމަށެވެ. އެހެން ނަމަވެސް އީޔޫއިން ވަނީ އިންތިހާބު ކުރިއަށްގެންދަން ބޭނުންވާ ގޮތާއިމެދު އިލެކްޝަން ކޮމިޝަންއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުުރުން އދ އިންވެސް ވަނީ އިންތިހާބު އޮބްޒާވް ނުކުރާނެކަމަށް ވިދާޅުވެފައެވެ. އދ އިން ވިދާޅުވީ، އިންތިހާބު ވަކިން އޮބްޒާވް ކުރުމަކީ އާއްމުގޮތެއްގައި އެ ޖަމިއްޔާއިން ކުރާކަމެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ޝައުގެއް ނެތް ކަން އީޔޫއިން އަންގައިފައި ވާއިރު މީގެ ކުރިން އީޔޫ އިން ބުނެފައުވަނީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ގާތުން ބަލަމުން ގެންދާ ކަމަށާއި އިންތިޚާބަށް އެކަށީގެންވާ މާހައުލެއް ގާއިމުވެފައި އޮންނަން ޖެހޭނެ ކަމަށް އީޔޫ އިން ދެކޭ ކަމަށެވެ. އަދި ނުފޫޒެއް ނެތި ވޯޓް ލުމުގެ މިނިވަންކަން ޔަޤީންކޮށްދެން ޖެހޭނެ ކަމަށާއި ރާއްޖޭގެ މަޝްރަޙާ މެދު އުފައްދާފައިވާ ޝަކުވާތަކަށް އީޔޫއިން ފާރަވެރިވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނަމަ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށާއި ދިވެހި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ އެކަމުގައި އަމަލުކުރާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ފާސްވެސްކޮށްފައެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލް މި އޮނިގަނޑު ފާސްކޮށްފައިވާއިރު އީޔޫގެ ނިންމުންތަކަށް ބޯނުލަނބާނެނަމަ އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު އީޔޫގެ މެމްބަރު ގައުމުތަކަށް ދިނުން ހިމެނެއެވެ. އަދި ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅުމުގެ ބާރުވެސް ދީފައިވާއިރު ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުތައް އަމާޒުކުރަން އަންގާފައިވެއެވެ.

ރިޔާސީ އިންތިހާބު ތާރީހު އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. ޝަރީފް ވަނީ އިންތިހާބު އޮބްޒާވް ކުރަން ޔޫރަޕިއަން ޔޫނިއަން އަށާއި އޯއައިސީ އަށް ވެސް ރަސްމީކޮށް ދައުވަތު އަރުވާނެކަމަށް އެ ރޭ ވިދާޅުވެފައެވެ.

އިލެކްޝަންސް އިން ވިދާޅުވީ، އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕްގެ ދެ ގައުމަކާއި ސާކްގެ ދެ ގައުމެއް އަދި އޭޝިއާ ޕެސިފިކްގެ ދެ ގައުމެއްގެ އިތުރުން އަރަބި ގައުމަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަަކަށްވެސް އެ ފުރުސަތު ދީފައިވާނެކަމަށް އީސީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސޭނުބޭ

  ވީމާ އިބޫ ކިތަންމެ ވަރަށް ހަޅޭލެވިއަސް އީޔޫއަށް ޔަޤީންކަން އެބަ އޮތް ރާއްޖޭގެ އިންތިޚާބުގެ ކަންތައްތައް މިހާރުވެސް ދަނީ ރަގަޅަށްކަން.

 2. ީެއިންސާފް

  ޢުންމީދު ކުރަން ކަލޭމެން ދިވެހިރާއްޖޭގެ ދާހިލި ކަންކަމަބެހެން ވެސް ޝައުގެއް ނުހުންނާނެ ކަމައް. ޥަރައް ސަލާމް.

 3. ހިނި

  ތާހިރު ވެއްޖެނު. އެމީހުންނަށްވެސް އެނގިއްޖެ މިތާ ހަޑި ހާވަނީ މިއުޅޭ އިދިކޮޅޭމެންކަން.

 4. ޙަސަނު

  އެމް ޑީ ޕީ ބަލިވާނެކަން ޔަގީންވީމަ މިވެރިން އޮބްޒާވު ނުކުރަން ނިންމީ. ދެންބުނާނީ އޮޅުވާލީ އޭ މިހާރު ރާއްޖެއަކު ވޯޓެއް ނޯޅުވޭނެ

 5. ޝާނާ

  އިދިކޮޅޭ މެނަށް އެނގޭ ބަލިވާނެ ކަން އެހެންވީމަ އީޔޫ ވެސް މާބޮޑު ޝައިޤެއްނެތް

 6. ހުސޭނުބެ

  ދުނިޔޭގެ ޖަމްއިއްޔާ، ޖަމާޢަތްތަކުންވެސް އުޅެނީ މިކޮސްމީހާގެ މުސީބާތުން ސަލާމަތްނުވެވިގެން. އެމީހުންނަށްވެސް އެނގޭ މި ގައުމުގެ ކަންކަން ދަނީ ރަނގަޅަށްކަން، މި ކޮސްކަލޭގެ ނުބައި ޕްރޮފެގެންޑާފެތުރުމުގެ ސަބަބުން އެމީހުންގެ އަގު ވެއްޓެނީ،