ގައުމީ ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތް ގާއިމްކުރުމަށް ކުރެވުނު މަސައްކަތަށް ފަހު މިއަދު އާންމުނަށް ހުޅުވާލައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން ގައުމީ ދާރުލްއާސާރު ވަނީ އާންމުންނަށް ހުޅުވާލެވިފައި ކަމަށާއި ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށް ކަމަށެވެ.

ގައުމީ ދާރުލްއާސާރު ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތް ގާއިމްކުރުމަށް ކުރެވުނު މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދައުލަތާއި އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ކުރެވުނު މަސައްކަތްތަކެވެ.

މި މަޝްރޫއުގައި ބީއެމްއެލްގެ ގްރާންޓް އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ދާރުލްއާސާރުގައި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި ދާރުލްއާސާރުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކޮށްފައެވެ.

ބީއެމްއެލްއިން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން މި މަޝްރޫއުއަށް ދީފައިވަނީ 2،000،000 ރުފިޔާއެވެ.

މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ގާއިމް ކުރެވިފައި ވާނެ ކަމަށެވެ.

އެ ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4،742،993.71 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ އިތުރުން މި މަޝްރޫއު ތެރެއިން ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955.01 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ގައުމީ ދާރުލްއާސާރު އަދިވެސް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް އިތުރުކުރުމަށް ރޭވިފައިވާއިރު، މި ފަހަރު މި ކުރެވުނު މަސައްކަތަށްފަހު ދާރުލްއާސާރު ހުޅުވިގެންދާއިރު ކުރިން ދާރުލްއާސާރުގައި މައުރަޒު ކުރެވިފައިވާ ނުވާ އައު ބައެއް އާސާރުތައްވެސް މައުރަޒުކުރެވިފައި ކަމަށް މިނިސްޓްރީން މައުލުމާތު ދެއްވައެވެ.