(ޅ. ނައިފަރު) ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ، މި ރަށަށް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފިއެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ފެއްޓެވި ދަތުރުގައި ނައިފަރަށް އޭނާ ވަޑައިގެންނެވީ މިއަދު ހަވީރެވެ. ނައިފަރުން މުއިއްޒަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ގޮސް ސަލާމްކޮށްފައެވެ.

މުއިއްޒު މިއަދު ނައިފަރަށް ވަޑައިގަންނަވާ އިރު، ކުރުފަލި ޖަހަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ނައިފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން މި ރަށާ ދޭތެރޭގައި އެއްވެސް އަދުލުވެރިކަމެއް ގެންގުޅެމުންދާ ކަން ރަށަށް ވަޑައިގަތުމުން އެނގިވަޑައިގެންފައިވާ ކަމަށެވެ. ރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމާއި ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ އިރު، ވެރިކަމަށް ވަޑައިގެންފި ނަމަ، އެންމެ ފުރަތަމަ އިސްކަމެއް ދެއްވައިގެން އެ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހައުސިން ޔުނިޓްތަކަށް އަޅާފައިވާ ކަރަންޓާއި ފެނުގެ މައްސަލަ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމަކީ މި ރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މި ރަށުގައި އެކަނި ވެސް 900 އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެހެންވެ، ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މުއިއްޒު އިއުލާން ކުރެއްވީ މި ރަށުގައި 400 ހައުސިން ޔުނިޓް އެޅުމުގެ ވައުދެވެ.

މީގެއިތުރުން ރަށުގައި 80 ވަރަކަށް ގޯތި ދެވެން އޮތް އިރު، އެކަން ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި އެ ގޯތިތައް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ފައްޓަވައި ދެއްވާނެ ކަން ވެސް މުއިއްޒު އިއުލާން ކުރެއްވިއެވެ.

މުއިއްޒު ނައިފަރަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް ކުރުކޮށް:

1- ނައިފަރުގެ ބަނދަރު ތަރައްގީ ކުރުން.
2- މަސްވެރިންނަށް އައިސް ޕްލާންޓެއް ގާއިމުކުރުން.
3- އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށް ސްލިޕްވޭއެއް ގާއިމުކުރުން.
4- ފީފާ އެޕްރޫވްޑް ސްޓޭޑިއަމެއް ގާއިމުކުރުން.
5- ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދިނުން.
6- ނެޝަނަލް ޔުނިވަސިޓީގެ ކެމްޕަސްއެއް ގާއިމުކޮށް ދިނުން.
7- ރީތި ބޮޑު އިސްލާމީ މަރުކަޒެއް ގާއިމުކޮށްދިނުން.
8- ނައިފަރުގެ މަގުތައް ހެދުން.
9- ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ އަދަދު އިތުރު 1،000 އާއެކު، ޖުމްލަ 2،000 ކޯޓާ ލިބޭތޯ މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އަދި ހައްޖަށް ނުދެވި ވެއިޓިން ލިސްޓް ދެ އަހަރުގެ ތެރޭގައި "ފިލުވާލުމަށް" މަސައްކަތްކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ގައުމުގައި ގައުމީ ލެވެލްގެ ރީސާޗް ގްރާންޓެއް ފަންޑެއް ގާއިމުކޮށް ދިރާސާ ކުރަން ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖަންސް ފަދަ ޓެކްނޮލޮޖީތައް ކިޔަވައި ދިނުމުގައި ތައާރަފްކޮށް، ކިޔަވައި ދިނުމުގެ ފެންވަރު އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒަށް މިއަދު ނައިފަރުން މަރުހަބާ ދަންނަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މުއިއްޒު ކުރެންދު އަށް ވެވަޑައިގެންނެވި ވައުދުތައް:

1- ބަނދަރުގެ ޖާގަ އިތުރުކޮށްދީ، ތަރައްގީކޮށް ބޮޑުކޮށްދިނުން.
2- ރަށަށް ބޭނުންވާ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން.
3- ޒުވާނުންގެ މަރުކަޒެއް ގާއިމު ކުރާނަން.

މުއިއްޒު ހިންނަވަރަށް ވެވަޑައިގެންނެވި ވައުދުތައް:

1- ހިންނަވަރު ހިއްކި ސަރަހައްދަށް، ފެން ނަރުދަމާ، ކަރަންޓު ގާއިމު ކުރުން.
2- ފެން ޕްލާންޓްގެ ކެޕޭސިޓީ.
3- ހޮސްޕިޓަލް އިމާރާތް އަޅައި ދޭނަން.

ކިޔުންތެރިންގެ ހިޔާލު