މެޑަމް ފާތުންގެ ފެނިލުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށާއި ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް އާއިލާއާ ހަމަޔަށް ގެނެސްދޭނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒުގެ ކެމްޕޭންގައި ރަސްމީކޮށް މެޑަމް ފާތުން ބައިވެރިވެ ވަޑައިގެން މިރޭ ދިވެހީންގެ ޖަގަހާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މެޑަމް ފާތުން ފެނިގެންދިޔުމަކީ ިލިބިގެން ދިޔަ ހިްތވަރެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެމްސީގެ ލީޑަރޝިޕާއި ޢާންމު މެމްބަރުންގެ ހުރިހާ ހަކަތައެއް އެއްވެސް ވަރުބަލިކަމެއް ނެތި ހޭދަކުރަނީ ރައީސް ޔާމީން މިނިވަން ކުރަން ކަމަށާއި، މިމަސައްކަތް ހުއްޓާލާނީ ރައީސް ޔަމީން އާއިލާ އާ ހަމަޔަށް ގެނެސްދީފައި ކަމަށެވެ.

"އަޅުގަނޑު މެޑަމް ފާތުން އަށާއި، ޢާއިލާއަށް ދޭން އޮތް ޔަގީން ކަމަކީ މިކަން އަޅުގަނޑުމެން ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް ޢާއިލާއާއި ހަމަޔަށް ގެނެސްދީފައޭ. އަޅުގަނޑުމެން މިއިންތިޚާބު ކާމިޔާބުކޮށް އެކަން ކުރާނަން." ޝިޔާމް ވިދާޅުވިއެވެ.

މެޑަމް ފާތުން އާއި ޑރ.މުއިއްޒުގެ އަނބިކަނބަލުން "ދިވެހީންގެ ރާއްޖެ" ޖަގަހައަށް ވަޑައިގަތުން

ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން މިދަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިރޭ މެޑަމް ފާތުން މުއިއްޒުގެ ކެމްޕެއިނާއި ގުޅި ޖަގަހައަށް ވަޑައިގަތުމުން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް ލުމުން އެމަނިކުފާނުގެ އާއިލާ، އަނބިކަނބަލުންނާއި، ދަރިންނަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބޭކަމަށާއި ފަސް އަހަރު ހިތްދަތި ކަމުގައި މުޅި ޢާއިލާއާއި، ރައީސް ޔާމީނަށް ތާއީދު ކުރާ އެތައްހާސް ރައްޔިތުން ތިބިއިރު މިކަމަށް ނިމުން ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި އިތުރު ހިތްވަރެއް މިރޭ ލިބިގެން ގޮސްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރާނެ ކަމަށާއި އެކަން ކުރުމަށް ދިވެހި ރައްޔިތުން މުއިއްޒު ވެރިކަމަށް ގެންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ދިވެހި ރައްޔިތުން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ވަނީ ވިދާލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިތާ

    މުއީޒުގެއޮފު ތިދިޔައީ ދެން އެންމެން ދުވާނީ މީނަގެ ފަހަތުން.