ރ. އަތޮޅު މާކުރަތަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ރ. އަތޮޅަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާކުރަތުގެ ތަރައްގީއަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރާއްޖެ ތަރައްގީ ވާނީ ހުރިހާ ތަނެއްގައި، ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި ވިޔަފާރި ކުރުމުގެ ފަސޭހަކަމާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ލިބިގެން ކަމަށެވެ.

މިިގޮތުން ރައީސް މާކުރަތަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިގޮތުން މާކުރަތުގެ ބިން އިތުރަށް ހިއްކަވައިދެއްވާ ބިން ބޮޑުކޮށް ރައްޔިތުންނަށް ބޭނުންވާ ހައުސިންގ ޔުނިޓްތަކެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ފެންބޮޑުވާ މަގުތަކުގައި ތާރައަޅުއްވައި ދެއްވާނެ ކަމަށާއި ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިދައުރު ނިމުމުގެ ކުރިން މާކުރަތު މަގުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ ނުވަތަ އާރުޑީސީ އާއި ހަވާލު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް ކުރިއަށް އޮތް ދައުރުގައި އަޅައި ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސުކޫލަށް ދިމާވެފައިހުރި މައްސަލަތައް ހައްލުކޮށްދެއްވާ މާކުރަތު ސުކޫލުގައި މަލްޓިޕާޕޯސް ހޯލެއްވެސް ކުރިއަށް އޮތް ދައުރުގައި އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

އަދި ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހޯދޭނެގޮތް ހަމަޖައްސާ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އެއްގެ ހިދުމަތް ލިބޭނެގޮތް ހަމަޖައްސާ ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް މާކުރަތު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ފޮޓޯ: އެމްޑީޕީ

މާކުރަތަކީ އޮޑިވެރިން ގިނަ ރަށަކަށް ވާއިރު، އެ މީހުންގެ އެދުމާއި އެއްގޮތަށް ރަށުގައި ދޯނި އެހެލާ ސަރަހައްދެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ރައީސް މާކުރަތު ރައްޔިތުންގެ ކިބައިން އެދިލައްވާފައިވަނީ ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މައްޗަށް ވިސްނާވަޑައިގެން ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހުރިހާ ރައްޔިތުން ނިކުމެ ވަޑައިގެން އެމްޑީޕީއަށް ވޯޓު އަޅުއްވާ ވޯޓުފޮށިތައް ފުރާލަދެއްވުމަށެވެ. އަދި އެމަނިކުފާނު ނޫން އެހެންގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި މާކުރަތުގައި އަލަށް އަޅުއްވާދެއްވާފައިވާ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވާދެއްވާ މީގެ އަހަރެއްހާ ދުވަސް ކުރިން ނިމިފައިވާ ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވިއެވެ.

ރަށުގެ ބަނދަރު މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފައި

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް މާކުރަތަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއިރު، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ތެރެއިން ނިމިފައިވަނީ ހަމައެކަނި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ފުޓުބޯޅަދަނޑުގެ މަސައްކަތް އެކަނި ކަމެވެ.

ނުނިމި ހުރި މަސައްކަތްތަކަށް ބަލާއިރު ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނުނިމެއެވެ. އަދި ސްކޫލްގައި ހަދަމުންދާ އައު އިމާރާތުގެ މަސައްކަތް ވެސް ދަނީ ވަރަށް ލަސް ސްޕީޑުގައެވެ. އަދި ރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދަނީވެސް ލަސް ސްޕީޑްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޛޫ

    ތިޔައީ ވައުދު ފުއްދާ މީހެއްނޫން މިސާލު މާކުރަތު ބަދަރު! އަދިވައުވާން ރައްޔިތުންގެ ކުރިމައްޗަށް ގޮސް ދޮގުހަދާ މީހެއް!

  2. ބޯކުޑޭ

    ފުޓްބޯޅަ ދަނޑުގެ ވަށާފާރު، އެ ބިން ލެވެލް ކުރުން އެއީ ރައީސް ޔާމިން ދައުރުގަ ނިމިފައިވާ ކަމެއް. އަދި އެހެންމެ އެތާ އަޅާފަ ހުރި ކާޕެޓް ރާއްޖެ އެތެރެ ކުރިކަމަށް ކާޕެޓް ތަކުގަ ޖަހާފަ އޮތީ 2016’. ދަނޑަށް އަޅާ ރަބަރު އެތެރެ ކުރީ 2015 ވަނަ އަހަރު. ޖަމްބޯ ބޭގް ތަކުގަ ޖަހާފަ އެބަހުރި. ހަމަ އެކަނި ކާޕެޓް ފަތުރާލުމާ ރަބަރު އަޅާލުން އިބޫ