ރ. އުނގޫފާރުގައި ހައުސިން ޔުނިޓްތައް އެޅުމާއެކު އިތުރު ކަންތައްތަކެއް އެ ރަށަށް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންއަށް އުނގޫފާރަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސްގެ ވާހަކަ ފުޅުގައި ވަނީ އުނގޫފާރުގެ ތަރައްގީއަށްޓަކައި ކުރާނެ ކަންކަމުގެ ލިސްޓެއް މިއަދު ވަނީ ހިއްސާ ކުރައްވައިިފަ އެވެ.

އެގޮތުން އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެކަން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ އުނގޫފާރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރަން ހައުސިން ޔުނިޓްތަކެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

"އަދި ހަމަ ފުރިހަމަ ވަސީލަތްތަކާއެކު މި ރަށުގެ [އުނގޫފާރު] ގެ ސްކޫލުގައި އާ އިމާރާތެއް އަޅައިދޭނަން. ތަނަވަސް މާހައުލެއްގައި ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުގައި އެއް ދަންފަޅިއަށް ބަދަލުކުުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގެ ސްކޫލު ވެސް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ": ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ އުނގޫފާރުގެ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއަކާއެކު ސިޑިބަރި އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އުނގޫފާރު ހޮސްޕިޓަލަށް ދިމާވެފައިވާ އެކޮމޮޑޭޝަންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެކޮމޮޑޭޝަން ބްލޮކެއް ވެސް ގާއިމްކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ހަމަ އެހެންމެ އުނގޫފާރުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް މިހާރު ފެށެން އުޅޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގެ ކުރި ސަރުކާރުތަކުގައި ކަންތައްތައް ވެފައި ހުރި ގޮތް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު ވެރިކަމަށް ކުރިމަތިިލައްވައިގެން އުޅުއްވާ ކެނޑިޑޭޓުންނާ މެދު ވިސްނާލެއްވުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ހަމަ އެހެންމެ އެއިން ބޭފުޅަކަށް ދެއްވާ ވޯޓަކީ ބޭކަރުވެގެންދާ ވޯޓަކަށް ވެސް ވެެގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު