ރ. ރަސްގެތީމުގެ މަގުތައް ހަދައި ކުޑަކުދިންގެ ޕާކެއް ވެސް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

މަނިކުފާނުގެ ރިޔާސީ ކެމްޕޭންއަށް މިއަދު ރަސްގެތީމަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްގެތީމުގެ ތަރައްގީއަށާއި ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.

އެގޮތުން ފެނާއި ނަރުދަމާގެ އެތައް މަސައްކަތްތަކެއް ވެސް ރަސްގެތީމުގައި ކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނު މިހާރު ދަތުރުފުޅު ކުރައްވާ ކޮންމެ ރަށަކުން ވެސް ފެންނަ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ކޮންމެ ރަށަކުން ވެސް ފެންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާނެ ކަމުގެ މަންޒަރު ކަމަށާއި އަދި ރަސްގެތީމުން ވެސް ހަމަ އެ މަންޒަރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދައުރުގައި ރަސްގެތީމުގެ ތަރައްގީއަށް ކުރަން ނިންމާފައިވާ ބައެއް ކަންކަން ރައީސް ސޯލިހު ހިއްސާ ކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ކުރަން މަޝްވަރާވެސް ކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން މިހާރު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މި ރަށުގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުން. އަދި މި ރަށުގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތްތައް އިތުރު ކުރުމަށްޓަކައި ތަރައްގީ ކުރުމަށްޓަކައި އެކްސްޓެންޝަން އިމާރާތެއް އަޅާ އެ ހިދުމަތްތައް އަޅުގަނޑުމެން ފުޅާކޮށްދޭނަން،". ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ސްކޫލަށް ބޭނުންވާ އިމާރާތްތައް ވަސީލަތްތައް ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލު ކުރިއަށް އޮތް ދައުރުގައި އެޅިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރަސްގެތީމުގެ ބަނދަރަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު މިއަދު ދެއްވިއެވެ.

"ނެރު ފައިކަށި ދިގުކޮށް ބަނދަރު ބޭރުތޮށީގައި ދޯނި އެޅޭގޮތް ހެދުން އެއީ ތި ބޭފުޅުންގެ ރިކުއެސްޓެއް. އިރާދަ ކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރަސްގެތީމުގައި ހުންނަ ދުވަސްވީ ސަގާފީ މަރުކަޒަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރ. އަނގޮޅިިތީމުގައި ހުންނަފަދަ ކަލްޗަރެއް ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރަސްގެތީމުގެ މީހުން މޫދަށް އެރިލަން ސަރަހައްދަކާއެކު އޭޓީއެމްއެއް އަދި ކުޑަކުދިންގެ ޕާކެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު