ރާއްޖޭގެ ކަނޑުން ޗާގޮސްއަށް ދޫކޮށްލި ސަރަހައްދަކީ އެތަކެއް ޚާޒާނާތަކެއް ފޮރުވިފައިވާ މައުދަނުން ފުރިގެންވާ ތަނެއް ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ގއ.ވިލިނގިއްޔަށް ވަޑައިގެން ނިހާން ވިދާޅުވީ ޗާގޮސްއަށް ދޫކުރި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ މުއްސަދި ޚަޒާނާއެއް ހުރި ތަނެއް ކަމަށާއި އެސަރައްދުން 45،000 އަކަކިލޯމީޓަރުގެ ތަނެއް ދިވެހިންނަށް ގެއްލިއްޖެ ކަމަށެވެ.

"އެ ސަރަހައްދުގެ ކަނޑުގެ އަޑިން ހަމައެކަނި އެންމެ ސަރަހައްދަކުންވެސް 22.2 ބިލިޔަން ޓަނުގެ މެގްނީޒިއަމް ނެގޭ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އެތަކެއް ބޭނުންތެރި މިނެރަލް އާއި މައުދަންތައް އެބަހުއްޓެވެ. އެހެންކަމުން އެއީ ވަރަށް މުއްސަދި ސަރަހައްދެއް ކަމަށާއި މާދަމާ ދިވެހިން ގޮވާންކުރަން އޮތް ފަސްގަނޑު ދޫކޮށްލީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުވަދުއަތޮޅަކީ ޒަމާނުއްސުރެ ރާއްޖޭގައި މަސްވެރިކަމަށް ލޭނާރެއްގެ ގޮތުގައި އޮތް ސަރަހައްދެއް ކަމަށާއި ވަށައިގެން އޮތް ކަޑަަކީ މަސްވެރިންނަށް ވަރަށް މުހިންމު ތަނެއްކަން ނިހާން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ރާއްޖޭޣެ ޤާނޫނުގައި ބުނާގޮތުން ޗާގޮސްއަށް ދޫކުރި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ބައެެއް ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

"އައްޑޫ ކަނޑާއި ދިމާލުން ދެކުނު ސަރަހައްދަށް ދިޔައިމަ ހޯޅަވައްސާއި ދޭތެރޭ އޮތް ކަނޑު 1996 ވަނަ އަހަރު އަޅުގަނޑުމެންގެ ޤައުމުން ފާސްކުރި ޤާނޫނުގައި ބުނާގޮތުން މިއީ ދިވެހިންގެ ރަސްމީ ސަރަހައްދު.". ނިހާން ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމެއް ކަމަށާއި އދ ގެ ދިދަ ނަގާފައިވާ މިނިވަން ޤައުމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެނޑިޑޭޓުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާނެ ކަމަށާއި ގާސިމަށް ވެރިކަން ދިނުން ހައްޤުވާ ސަބަބަކީ އޭނާގެ އަމިއްލަ ޖީބުން ރައްޔިތުންނަށް އެތަކެއް އެހީތަކެއް ފޯރުކޮށްދީފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިއަލްޓީ އިލޭ

    ިޅިޔާނާ ޗަވާހަކަ ދައްކަން މާ ލަސްވެއްޖެ، ތި ބައިގަނޑަށް ނުކުރެނުނު އިންތިހާބު ގެ ކުރިން ޗަވާހަކަ ދައްކަން ވެސް ދެން މިހާރު ތި ޗިޕެއް ނުވަންނާނެ